ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ(އެންސްޕާ)ގެ ކުރީގެ ސީއީއޯ އަދި މިހާރު މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފި އެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޖުތަބާގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމަން ފޮނުވީ އިއްޔެކަމަށެވެ. އޭނާއަށް ދައުވާކުރަނީ އެންސްޕާގެ ބޭނުމަށް ކުއްޔަށް ހިފި ގެއްގެ ފުލޯތަކުގެ އިންޓީރިއާ ޑިޒައިންގެ މަސައްކަތް އުސޫލާ ޚިލާފަށް އަމިއްލަ ފަރާތަކާ ހަވާލުކުރި މައްސަލައެއްގައި ކަމަށްވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނި ގޮތުގައި 2015 ވަނަ އަހަރު އެންސްޕާގެ ބޭނުމަށް ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކުރުމުގެ ހުއްދައަށް އެދި އެންސްޕާގެ އޭރުގެ ސީއީއޯ މުޖްތަބާ ޖަލީލު ސޮއިކޮށް، އެންސްޕާ އިން ފިނޭންސް މިނިސްޓްރީ އަށް ފޮނުވި ސިޓީއާއެކު އެ މިނިސްޓްރީ އަށް ފޮނުވާފައިވާ ކޯޓޭޝަންތަކަކީ އެއް ވިޔަފާރި އަނެއް ވިޔަފާރިއާ ގުޅުން އޮންނަ އަދި މުޖްތަބާ ޖަލީލުއާވެސް ގުޅުން އޮންނަ ވިޔަފާރިތަކުން ހުށަހަޅާފައިވާ ކޯޓޭޝަންތަކެއްކަން އެ މައްސަލައިގެ ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.

އެ މައްސަލާގައި އޭސީސީން އެދިފައިވަނީ މުޖުތަބާގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ގާނޫނުލް އުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަމަހަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެންނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.

މިހާރު މުޖުތަބާ ހުންނެވީ މާލެ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލުގެ މަގާމުގަ އެވެ. އެންސްޕާގެ ސީއީއޯގެ މަގާމުން މުޖުތަބާ ވަކިކުރައްފައި އިކޮނޮމިކް މިނިސްޓްރީގެ ނައިބުވަޒީރެއްގެ މަގާމަށް ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މުޖުތަބާ ބަދަލުކުރައްވާފައިވެ އެވެ.