ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގެ ތެރޭގައި ހިމަބިހީގެ 23 ކޭސްވަނީ ފެނިފަ އެވެ.

ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމެއް އެޗްޕީއޭ އިން ވަނީ ފަށައިފަ އެވެ. އެ ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދީފައިވަނީ ސިއްހީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށެވެ. އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 7،100 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެ އެޗްޕީއޭއިން ބުންޏެވެ. ހިމަބިހި އެންމެ ގިނައިން ޖެހިފައި ވަނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ.

ހިމަނިބި ޖެހިގެން ފަރުވާދެމުންދިޔަ ޒުވާނަކު އިއްޔެ ވަނީ މަރުވެފަ އެވެ.

މާލޭ ސަރަހައްދުގައި ހިމަބިއްސަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް:

  • ޔޫޕީއެޗްސީސީ - ހޮނިހިރު އަދި އާދިއްތަ ދުވަހު ހެނދުނު 08:30 އިން 15:00 އަށް
  • ހުޅުމާލެ ހޮސްޕިޓަލް - އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު ހެނދުނު 09:00 އިން 11:00 އަށް އަދި ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު 13:00 އިން 15:00 އަށް.
  • ސެނަހިޔާ ހޮސްޕިޓަލް - އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 10:00 އިން 16:00 އަށް.
  • ވިލިމާލެ ހޮސްޕިޓަލް - އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް މެންދުރު 13:30 ފެށިގެން 15:30 އަށް
  • އެޗްޕީއޭ އިން ބުނީ އަތޮޅުތަކާއި ރަށްރަށުގައި ހުންނަ މަރުކަޒުތަކުން ހިދުމަތް ދޭ ގަޑިތައް، އެ މަރުކަޒަކުން ވަކިން އިއުލާން ކުރާނެ ކަމަށެވެ.