އެއް ތިރީސް އަހަރު ފަހުން ކުރީގެ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދަރުމެންދްރާ އާއި ޑިމްޕަލް ކަޕާޑިއާ އެކު ފިލްމެއްގައި މަސައްކަތް ކުރުމަށް ތައްޔާރުވެއްޖެ އެވެ.
ދަރުމެންދްރާ އާއި ޑިމްޕަލް އަކީ 1980 އާއި 90 ގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑް ފިލްމުތަކުގައި މަޝްހޫރު ވެގެންދިޔަ އޮން ސްކްރީން ޖޯޑުތަކުގެ ތެރެއިން އެއް ޖޯޑެވެ.
މީޑިއާތަކުން ބުނި ގޮތުގައި މި ދެ ތަރިން ސޮއިކޮށްފައި ވަނީ ޝާހިދު ކަޕޫރާއި ކްރިތީ ސެނަން މި މަހުގެ 15 ގައި ފެށިގެން ޝޫޓްކުރަމުން އަންނަ އަދި ނަން އިއުލާން ނުކުރާ ރޮމޭންޓިކް ކޮމެޑީއަށެވެ.
"މިމީ" އާއި "ލުކާ ޗުއްޕީ" ފަދަ ފިލްމުތައް ގެނެސްދިން ލަކްޝްމަން އުޓޭރަކް ޑައިރެކްޓްކުރާ އެ ފިލްމަކީ ރޮބޮޓިކް ތީމަކަށް ހަދާ އެއްޗެކެވެ.
ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން އުފައްދާ މި ފިލްމުގެ ޝޫޓިން ރާޖަސްތާނުގައި ކުރިއަށްދާ އިރު، އޭގެ ދެވަނަ ޝެޑިއުލް ނިއު ދިއްލީ ނުވަތަ ޗަންދީގަޅްގައި ފެށުމަށް ވަނީ ނިންމާފަ އެވެ.
ދަރޭގެ ދަރިފުޅު އަދި އެކްޓަރު ސަނީ ޑިއޯލްއާއި ޑިމްޕަލް އަކީ ކުރިން ލޯބީގެ ގޮތުންވެސް ގުޅިގެން އުޅުނު ދެ ތަރިންނެވެ. ދެ މީހުންގެ ގުޅުން މިހާރު ވެސް ކުރިއަށްދާ ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ.
"އަރުޖުން" ، "މަންޒިލް މަންޒިލް" އަދި "އާގް ކާ ގޯލާ" ފަދަ ފިލްމުތަކުން އެކުގައި ފެނިފައިވާ ޑިމްޕަލް އާއި ސަނީ އުޅެނީ ކައިވެނިކޮށްގެން ކަމަށް ވެސް ވާހަކަތައް ދެކެވެ އެވެ. ދަރޭއާ ޑިމްޕަލް އެކީ އެންމެ ފަހުން މަސައްކަތްކުރީ 1991 "ދުޝްމަން ދޭވްތާ" ގަ އެވެ.
މިހާރު އުމުރުން 87 އަހަރުގެ ދަރޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އާއި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާގެ "އެއްކީސް" ހިމެނެ އެވެ.