ގައުމާއި ރައްޔިތުން އިސްލާޙުކޮށް، ހެޔޮމަގަށް ގެންނަން ބޭނުންވާ ނަމަ އެންމެ ފުރަތަމަ އިސްލާހުކުރަން ޖެހެނީ އެ މީހެއްގެ އަމިއްލަ ނަފުސު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

"ގައުމާއި ރައްޔިތުން އިސްލާހުކޮށް، ހެޔޮމަގަށް ބަދަލުކުރައްވަން އެދިވަޑައިގަންނަވާ ފައްޓަވަން ޖެހޭ ހިސާބަކީ އަމިއްލަ ނަފުސު، އަމިއްލަ ނަފުސު އިސްލާހު ނުކޮށް ގައުމާއި ރައްޔިތުންނަށް ރަނގަޅު ގޮތް ހޯދައި ދޭނީ ކިހިނެއް ހެއްޔެވެ؟" އަދާލަތު ޕާޓީގެ ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަމިއްލަ ނަފުސު އިސްލާހުކޮށް ހެޔޮލަފާ މީހަކަށްވުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ އަނެކުން ކުރާ ކަންކަމުގެ މައްޗަށް ބާރުފޯރުވުމުގެ ފުރުސަތު ކޮންމެ މީހަކަށް ނުލިބުނަސް ތިމާގެ އަމިއްލަ ނަފްސު އިސްލާހުކޮށް ހެޔޮލަފާ މީހަކަށް ވުމީ ހަމަކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ކަމަށެވެ. އަދި އެކަމަށް ބޭނުން ވަނީ އިހްލާސްތެރި ނިޔަތަކާއި ސާބިތު އަޒުމެއް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ފަހަކަށް އައިސް އިމްރާންއަކީ އެކި ކަންކަމުގައި ހާއްސަކޮށް މި ސަރުކާރުގެ ދިފާއުގައި ޓުވީޓު ކުރައްވާ ބޭފުޅެއްކަން ފާހަގަކުރެވެ އެވެ. ނަމަވެސް އިމްރާންގެ ޓުވީޓުތަކަށް ވަރަށް ގިނަ ބަޔަކު ފާޑު ކިޔަ އެވެ.