ބޮލީވުޑްގައި އެކްޓްރެސް އިންނަށްވުރެން އެކްޓަރުންނަށް ބޮޑު މުސާރަ ދޭތީ ބަތަލާ ބޫމީ ޕެޑްނެކާރު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާއަކަށް ދިން އިއްޓަވިއުއްގައި ބަތަލާ ބޫމީ ބުނީ ބޮޑު ބަޖެޓެއްގައި ފިލްމެއް އުފެއްދި ނަމަވެސް އެކްޓަރުންނަށް ލިބޭ މުސާރައަށް ވުރެން އެކްޓްރެސްއަށް ލިބޭ މުސާރަ ކުޑަ ކަމަށެވެ. އަދި މުސާރައިގެ މިފަދަ ފަރަގަކީ ކޮންކަހަލަ އިންސާފެއްތޯ އޭނާ ވަނީ ސުވާލު އުފައްދައިފައި އެވެ.

"އެ ވަރިހަމަ ކިތަންމެ ބޮޑު ބަޖެޓަކުން ހަދާ ފިލްމެއް ކމުގައިވިޔަސް ފިރިހެން އެކްޓަރުންނަށް އަންހެން އެކްޓަރުންނަށްވުރެ ގިނަ ލާރި ލިބޭ. އަދި މީގެ ހެއްވާ ކަމަކީ ބޮޑު މުސާރަ އެމީހުންނަށް ދޭތީ އަހަރުމެން އެކަމާއި އުފާކޮށް ޝުކުރު ކުރަންޖެހުން، މިއީ އެއްވެސް އިންސާފެއް ނޫން. އަންހެނުން ވެސް އަދި ފިރިހެނުން ވެސް ކުރަނީ އެއް މަސައްކަތެއް. އުޖޫރަ ހަމަހަމަ ވާންޖެހޭ ކަމަށް ގަބޫލު ކުރެވޭ،" ބޫމީ ބުންޏެވެ.

އެކްޓްރެސް އިންނަށް ލިބޭ މުސާރަ ކުޑަ ކަމަށް ބުނެ ބޫމީ ވާހަކަ ދައްކާފައިވާއިރު މީގެ ކުރިންވެސް އެތަކެއް ބަތަލާއިން މި މައްސަލާގައި ވަނީ ވާހަކަ ދައްކައިފަ އެވެ. އެގޮތުން ދާދި ފަހަކުން މަޝްހޫރު ބަތަލާ ޕްރިޔަންކާ ވެސް މުސާރައިގެ ފަރަގު ބޮލީވުޑްގައި އޮންނާތީ އެކަމާ ހިތްހަމަނުޖެހުން ވަނީ ފާޅުކޮށްފަ އެވެ.

ބޫމީ ބޮލީވުޑަށް ތައާރަފްވީ 2015 ވަނަ އަހަރުގެ ފިލްމް "ދަމް ލަގާކޭ ހައިޝާ" އިންނެވެ.

އެންމެ ފަހުން ބޫމީ ފެނިގެން ދިޔައީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ގެނެސްދިން ފިލްމް "ގޯވިންދާ ނާމް މެރާ" އިންނެވެ. މި ފިލްމުގައި ބޫމީއާ އެކުގައި ފެނިގެން ދިޔައީ ވިކީ ކޯޝާލް އާއި ކިއާރާ އަދުވާނީ އެވެ. އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ބީޅް" އާއި "ލޭޑީ ކިލާ" އަދި "އަފްވާ" ފަދަ ފިލްމްތައް ފާހަގަ ކޮށްލެވެ އެވެ.