ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުކުރަން ހެކިވެރިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ނަން ދައުލަތުން ހުށަހަޅައިފި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ ފައިސާތަކެއް ލޯންޑާ ކުރި ކަމަށް ތުހުމަތުކޮށް ސަން ކުންފުނީގެ މައްޗަށް ކުރާ ދައުވާއަށް އެ ކުންފުނިން އިންކާރު ކުރެ އެވެ.
އެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި އަދީބާއި ޒިޔަތުގެ އިތުރުން އިތުރު ބަޔަކު ވެސް ހިމެނެ އެވެ. އަދި ގިނަ އަދަދެއްގެ ލިޔުންތައް ވެސް ހިމެނެ އެވެ.
ސަން ކުންފުނިން އެދުނީ ދިފާއީ ހެކި ހުށަހަޅަން އިތުރު ފުރުސަތަކަށެވެ. ގާޒީ އެކަމަށް ދެއްވީ ފަސް ދުވަހުގެ މުއްދަތެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ، ބޮޑު އަދަދަކުން ސަން ކުންފުނި ޖޫރިމަނާކުރާނެ އެވެ.
އެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާއެއް ވެސް ދައުލަތުން ކުރެ އެވެ. އެ މައްސަލަތަކުގައި ޝަރީއަތް ވަކިން ކުރިއަށް ދާއިރު، މަނީ ލޯންޑްރިންގެ އެހެން ކުށެއް ސާބިތުވެގެން ޔާމީން މިހާރު ވެސް ހުންނެވީ ޖަލުގަ އެވެ.
އަދީބާއި ޒިޔަތާ އެކު ދައުލަތުން ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު 20 އަހަރަށް ޖަލަށް އަދި ޒިޔަތު 11 އަހަރަށް ޖަލަށްލާން ކުރިން ވަނީ ހުކުމްކޮށްފަ އެވެ. އަދީބުގެ ޖަލު ހުކުމް ތަންފީޒު ކުރަނީ ގޭގަ އެވެ.