ވޮޝިންޓަން (ޖެނުއަރީ 7) - އެމެރިކާގެ ކޮންގްރެސްގެ ދަށުގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސަކު ހޮވުމަށް 15 ފަހަރު ވޯޓުލާން ޖެހި، އެންމެ ފަހުން އެ ވޯޓު ރިޕަބްލިކަން ޕާޓީގެ ކެވިން މެކާތީ ކާމިޔާބު ކުރައްވައިފި އެވެ.

ހައުސްގެ ރައީސަކު ހޮވުމަށް 15 ފަހަރު ވޯޓުލާފައި ވަނީ މެކާތީގެ ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު ހައުސްގައި އޮވެމެ އެވެ.

އެމެރިކާގެ ހައުސްގެ ރައީސަކީ ވަރަށް ބާރުގަދަ ބޭފުޅެކެވެ. ނައިބް ރައީސް އަށް ފަހު ވެރިކަމަށް ވަޑައިގަތުމުގެ ކިޔޫގެ ކުރީގައި ވެސް ހުންނަވާނީ ހައުސްގެ ރައީސް އެވެ. އަދި ހައުސްގެ އެޖެންޑާ ކަނޑައަޅުއްވައި، ގާނޫނުހަދާ މަޖިލީހުގެ ކޮމެޓީތައް އެކުލަވާލައްވާ ބޭފުޅަކީ ވެސް އެއީ އެވެ.

ވޯޓަށް ފަހު މެކާތީ ވިދާޅުވީ އެމެރިކާގެ ރައްޔިތުންނަށްޓަކައި އޭނާ ދޫނުދެއްވާނެ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މެކާތީ ވިދާޅުވީ 15 ވަނަ ފަހަރަށްލީ ވޯޓު އޭނާ އަށް ކާމިޔާބުވުމުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް އެހީތެރިވެ ދެއްވި ކަމަށެވެ.

ޕާޓީގެ މެންބަރުންގެ ތެރޭން އިދިކޮޅު ހެއްދެވި ބޭފުޅުން ރުއްސުމަށް މެކާތީ ވަނީ ވަރަށް ގިނަ މަސައްކަތްތައް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ނުފޫޒުގަދަ ރޫލްސް ކޮމިޓީން އެ މީހުންނަށް ޖާގަ ދިނުމަށް ވެސް ހުށަހެޅުއްވި އެވެ.

ނޮވެމްބަރު މަހު ބޭއްވި މިޑް-ޓާމް އިންތިޚާބުގައި ހައުސްގެ އަޣުލަބިއްޔަތު ވަނީ ރިޕަބްލިކަނުން ހޯދައިފަ އެވެ. ސެނެޓުގެ އަޣުލަބިއްޔަތު އޮތީ ޑިމޮކްރެޓިކް ޕާޓީއަށެވެ.

މީގެ ކުރިން ވެސް ހައުސްގެ ރައީސަކު ހޮވުމަށް އެތައް ބުރެއްގެ ވޯޓުލުން ބާއްވާފައިވެ އެވެ. މީގެ ގަރުނެއް ކުރިން، 1923 ވަނަ އަހަރު ހައުސްގެ ރައީސަކު ހޮވުމަށް ނުވަ ފަހަރު ވޯޓުލާފައިވެ އެވެ. އޭގެ ކުރިން 1855 ވަނަ އަހަރު ވަނީ ރައީސަކު ހޮވުމަށް ދެމަސް ވަންދެން ވޯޓުލައިފަ އެވެ. އެ ފަހަރު ރައީސަކު އިންތިޚާބު ކުރެވުނީ 133 ފަހަރު ވޯޓުލައިގެންނެވެ.