އެސްޓީއޯ ފުޅާވެގެން ރާއްޖެއިން ބޭރުގައި ހިންގަމުންދާ ތަން ދެކެން ބޭނުންވާ ކަމަށް އެސްޓީއޯ އިން އެކަމެއް ހުއްޓާލާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯގެ ސީއެސްއާރުގެ ދަށުން ވެސްޓްޕާކު ސަރަހައްދުގައި ހެދި ބަސް ޓާމިނަލާއި ޕާކު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ އެސްޓީއޯގެ މިސްރާބު މިހާރު ވަނީ ބަދަލުވެފައި ކަމަށާއި އެކުންފުނިން ދެން ރައްޔިތުންނާ ހަމައަށް ގެނެސްދެމުންދާނީ މުޅިން އާ ހިދުމަތްތަކެއް ކަމަށެވެ.
އެސްޓީއޯ އިން ދެމުންދާނީ މުޅި ރާއްޖެއަށް ބޭނުންވާ ހިދުމަތްތަކެއް ކަމަށާއި އެކުންފުނި ފުޅާވެގެން ރާއްޖެއިން ބޭރުގައި އޮޕަރޭޓްކުރާތަން ދެކެން ބޭނުންވާ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާހެން ހީވާކަހަލަ ކަންކަން އެސްޓީއޯ އިން ފަށައިގަންނާނެ ކަމަށާއި ނަމަވެސް ރައްޔިތުން އެކަމެއް މާ ރަނގަޅަށް ކުރަން ފެށުމުން އެކުންފުނިން އެކަން ހުއްޓާލާނެ ކަމަށެވެ.
އަމްރު ވިދާޅުވިގޮތުގައި އެސްޓީއޯ އަކީ އެއިރެއްގައި ރައްޔިތުންނަށް ބޭނުންވާނެ ކަންކަން ކުރުމަށްޓަކައި އޮންނަ ކުންފުންޏެކެވެ.
އަދި އެ ކުންފުންޏަކީ ރައްޔިތުންނާ އެކީގައި ކުރިއަށްދާނެ އަދި ކުރިއަރަން ބޭނުންވާ ކުންފުންޏެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެސްޓީއޯ ހިންގަނީ ވިޔަފާރިއެއް ކޮށްގެން ބޮޑު ފައިދާއެއް ހޯދުމުގެ މަގުސަދުގައި ނޫން ކަމަށާއި އެސްޓީއޯގެ މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ރަނގަޅަށް ފުރިހަމައަށް ފޯރުކޮށްދީ، ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވައި، ރާއްޖޭގެ އިގްތިސާދު ފުޅާކޮށް ކުރިއެރުވުން ކަމަށް އަމްރު ވިދާޅުވި އެވެ،