ވެރިކަމުގެ ދަހިވެތި ކަމަކީ ކެންސަރަށް ވުރެ ނުރައްކާތެރި ބައްޔެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.

ޑރ. އިޔާޒު ވަނީ ވެރިކަމުގެ ދަހިވެތިކަން ހިތުގައި ނުޖެއްސެވުމަށް އެދި ގިނަގިނައިން ދުއާކުރަން ޖެހޭ ކަމަށް ވިދާޅުވެ ޓުވީޓް ކުރައްވާފަ އެވެ.

އެބަލި ޖެހުނީމާ ޢާއިލީ ގުޅުންތައް ކެނޑިގެންދާކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ޒަމާންވީ ރަޙްމަތްތެރިންގެ މެދުގައި ޢަދާވާތްތެރިކަން އުފެދޭއިރު، މިކަން ކެންސަރަށް ވުރެ ވެސް ނުރައްކާތެރި ބައްޔެއް ކަމުގައި ފެންނަ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ޑރ. އިޔާޒު މިފަދައިން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ދުވަސްވީ ދެ ރަހުމަތްތެރިން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މި އިންތިހާބާއި ގުޅިގެން ދެ ބޭފުޅުންވެސް ގެންދަވަނީ ދެބޭފުޅުންނަށް ބަހުގެ ހޫނު ހަމަލާތައް ރައްދުކުރަމުންނެވެ.