ހަތަރު ކަމަކަށް ޑިމާންޑްކޮށް، ޅ. ފެލިވަރުގައި ގިނަ އަދަދެއްގެ މަސްވެރިން އިހްތިޖާޖުކޮށް ކުރަމުންދާ ޑިމާންޑްތަކަށް ޖަވާބުދޭން އެއް ގަޑިއިރުގެ މުހުލަތަކަށް މިފްކޯއިން އެދެފި އެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން މަސްވެރިންވަނީ ފުލުހުން ޖެޓީ މަތީގައި ދަމާފައިވާ ޓޭޕްތައް ހުރަސްކޮށް ރަށު ތެރެއަށް ވަދެ، މިފްކޯގެ އޮފީސް ކައިރިއަށް ޖަމާވެފަ އެވެ. އަދި މަސްވެރިންގެ ޑިމާންޑްތަކަށް ޖަވާބު ދިނުމަށާއި މަސްވެރިންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށާއި އަދި މަސްވެރިންނަށް ވެފައިވާ ވައުދު ކަށަވަރުކޮށްދިނުމަށް އަޑުއުފުލާފަ އެވެ.

އިހްތިޖާޖުގެ ތެރެއިން ވާހަކަ ދެއްކި މަސްވެރިއަކުބުނީ ހެނދުނު 8:00ން ފެށިގެން މަސްވެރިން އިހުތިޖާޖު ކުރަން ފަށާފައިވާއިރު، މިފްކޯގެ ފަރާތުން ބަހެއް ލިބުނީ ހަމަ ދެންމެ ކަމަށެވެ. އަދި މިފްކޯއަށް ޖަވާބުދިނުމަށް އެއްގަޑިއިރުގެ މުހުލަތު ބޭނުންވާކަމަށް ބުނުމުން އެފަރާތަށް ވަގުތު ދީފައިވާ ކަމަށާއި، އެއްގަޑިއިރުގެ ފަހުން އަނެއްކާވެސް އިހްތިޖާޖު ފަށާނެ ކަމަށެވެ.

އެފަރާތްތަކުން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާ ބައްދަލުކުރުމަށާއި އެ މީހުންނަށް ފޯނުން ނަމަވެސް ރައީސް ސާލިހާ މުއާމަލާތު ކުރެވޭނެ ގޮތް ހަދާދިނުމަށް ވެސް ގޮވާލާފަ އެވެ. ނަމަވެސް ރައީސް ސޯލިހުގެ ފަރާތްޕުޅުން އަދި މަސްވެރިންނަށް އެއްވެސް ޖަވާބެއް ދެއްވާފައި ނުވެ އެވެ.

މަސްވެރިން ވަނީ ހަތަރު ކަމަކަށް ޑިމާންޑްކޮށްފަ އެވެ. އެގޮތުން މަހުގެ އަގު 20ރ. އަށްވުރެ ދަށްނުވާނެހެން ބެހެއްޓުމާއި ފެލިވަރުން މަސްވެރިންނަށް ލުއި ފަސޭހަ ގޮތަކަށް އައިސް ލިބޭނެ ގޮތް ހަމަޖެއްސުމާއި މިފްކޯގެ ބެލުމުގެ ދަށަށް ށ. ކީކިމިނި ގެނައުން އަދި ދުވަހުން ދުވަހަށް މަސްކިރޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލާފައިވެ އެވެ.

އިހުތިޖާޖުގައި ބައިވެރިވުމަށް 20 އަކަށް ދޯނި ވަނީ ފެލިވަރަށް ގޮސްފައިވެއެވެ. މޫސުމް ގޯސްވުމުގެ ސަބަބުން ބައެއް ދޯނިތަކަށް ބައިވެރިނުވެވުނު ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ. އަދި އިހްތިޖާޖުގެ ވަކި ހިސާބަކުން މަސްވެރި ޢާއިލާތަކުގެ ކަނބަލުން ވެސް ބައިވެރިވާނެ ކަމަށް މަޢުލޫމާތު ލިބެ އެވެ.