ސްވިޑެންގެ ސިޔާސީ މީހެއް ކަމަށްވާ ރާސްމުސް ޕަލުޑެން މުސްހަފެއްގައި ރޯކޮށްލައި ފުރައްސާރަކޮށް ހިންގި އަމަލު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ރަސްމުސް ޕަލޫދާން މިއަމަލު ހިންގާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

މި އަމާލާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އިޖްތިމާއީ އެއްބައިވަންތަކަން ދަމަހައްޓަން ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ. އެހެން ނަމަވެސް، އިސްލާމްދީނަށް ފުރައްސާރަކޮށް ކުރާ އެފަދަ އަމަލުތަކުގެ ސަބަބުން ކެތްތެރިކަމާއި އެއްބައިވަންތަކަމުގެ އަސާސްތައް ދަމަހައްޓަން ކުރާ ހުރިހާ މަސައްކަތަކަށް ބުރޫ އަރާކަމަށް މިނިސްޓްރީގެ އެ ބާޔާނުގައިވެ އެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން މުޖުތަމައުގައި ނަފްރަތާއި ހަރުކަށި ފިކުރު އިތުރުކުރުވުމަށް މަގުފަހިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޕަލުޑެން މުޞްޙަފެއްގައި ރޯކޮށްލައި، މުސްލިމުންނާއި އިސްލާމީ އުންމަތަށް ފުރައްސާރަކޮށްފައި ވަނީ، ސްވިޑްންއިން ނޭޓޯގެ މެންބަރު ގައުމަކަށްވުމަށް ކުރަމުންދާ މަސައްކަތަށް ތުރުކީން ހުރަސްއަޅާ ކަމަށް ތުހުމަތުކޮށް ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ.

މި މުޒާހަރާ ބާއްވާފައި ވަނީ، ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީ ކުރިމަތީގަ އެވެ.

ޕަލުޑެން މުޒާހަރާ ބާއްވާފައި ވަނީ ސްވިޑްންގެ ފުލުހުންގެ އިދާރާއިން ހުއްދަ ހޯދައިގެންނެވެ.

އިސްލާމް ދީނަށާއި މުސްލިމް އުންމަތަށް ފުރައްސާރަކުރުމުގެ ނިޔަތުގައި މި ފަދަ މުޒާހަރާއެއް ބާއްވަން ހުއްދަ ދިނުމުން ސްވިޑްންގެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އަދި، މުސްލިމް އުންމަތުން ދަނީ އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ.