އިއްޔެ ހެނދުނުން ފެށިގެން މަސްވެރިން ކުރަމުން އަންނަ މުޒަހަރާތަކާ ގުޅިގެން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީއާ ގުޅުމުން ވެސް ހިތްހަމަޖެހޭ ފަދަ ޖަވާބެއް ނުލިބޭ ކަމަށް މަސްވެރިން ބުނެފި އެވެ.

ޅ. ފެލިވަރުގައި ހެނދުނުން ފެށިގެން ގިނައިރުތަކެއް ވަންދެން މުޒާހަރާ ކުރުމަށްފަކު މިފްކޯގެ އެދުމުގެ މަތިން ގަޑިއެއްހާއިރަށް މުޒާހަރާތައް މެދުކަނޑާލި އެވެ.

މުޒާހަރާގެ ބައިވެރިއަކު ބުނީ މުޒާހަރާ މެދުކަނޑާލިފަހުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރު ފައުޒީއާ އެ މީހުންނަށް ފޯނުން ވާހަކަ ދެއްކުނު ކަމަށާއި ނަމަވެސް ހިތްހަމަޖެހޭ ވަރުގެ ޖަވާބެއް ނުލިބުނު ކަމަށެވެ.

އެ މަސްވެރިޔާ ބުނީ ޑިމާންޑްތަކަށް ހައްލު ނުލިބެނީސް މުޒާހަރާތައް ހުއްޓާނުލާ އަދިވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

"ދެ ދުވަސް ވިޔަސް އަދި ތިން ދުވަސް ވިޔަސް މުޒާހަރާ ކުރިޔަށް ގެންދާނަން. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ޑިމާންޑުތަކަށް ހައްލު ލިބެން،" އޭނާ ބުންޏެވެ.

މުޒާހަރާގެ ތެރެއިން މަސްވެރިން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާ ބައްދަލުކުރުމަށާއި އެ މީހުންނަށް ފޯނުން ނަމަވެސް ރައީސް ސޯލިހާ މުއާމަލާތު ކުރެވޭނެ ގޮތް ހަދާދިނުމަށް ވެސް ގޮވާލާފަ އެވެ. ނަމަވެސް ރައީސް ސޯލިހުގެ ފަރާތްޕުޅުން އަދި މަސްވެރިންނަށް އެއްވެސް ޖަވާބެއް ދެއްވާފައި ނުވެ އެވެ.

މަސްވެރިން ވަނީ ހަތަރު ކަމަކަށް ޑިމާންޑްކޮށްފަ އެވެ. އެގޮތުން މަހުގެ އަގު 20ރ. އަށްވުރެ ދަށްނުވާނެހެން ބެހެއްޓުމާއި ފެލިވަރުން މަސްވެރިންނަށް ލުއި ފަސޭހަ ގޮތަކަށް އައިސް ލިބޭނެ ގޮތް ހަމަޖެއްސުމާއި މިފްކޯގެ ބެލުމުގެ ދަށަށް ށ. ކީކިމިނި ގެނައުން އަދި ދުވަހުން ދުވަހަށް މަސްކިރޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލާފައިވެ އެވެ.

އިހުތިޖާޖުގައި ބައިވެރިވުމަށް 20 އަކަށް ދޯނި ވަނީ ފެލިވަރަށް ގޮސްފައިވެއެވެ. މޫސުމް ގޯސްވުމުގެ ސަބަބުން ބައެއް ދޯނިތަކަށް ބައިވެރިނުވެވުނު ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ. އަދި އިހްތިޖާޖުގެ ވަކި ހިސާބަކުން މަސްވެރި ޢާއިލާތަކުގެ ކަނބަލުން ވެސް ބައިވެރިވާނެ ކަމަށް މަޢުލޫމާތު ލިބެ އެވެ.