މަންމަގެ އަނިޔާތަކުގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ ހުކުމް ހޯމަ ދުވަހު އިއްވަން ހަމަޖައްސައިފި އެވެ.

2015 ވަނަ އަހަރުގެ ޖެނުއަރީ މަހު ވ. ރަކީދޫގައި އިބްތިހާލަށް އާފިޔާ ކުރި އަނިޔާތަކުގެ ސަބަބުން އޭނާ މަރުވި މައްސަލާގައި އާފިޔާގެ މައްޗަށް ކުރާ ދައުވާގެ ޚުލާސާ ބަޔާން ހުށަހަޅައި، މިއަދު އަޑުއެހުންތައް އެއްކޮށް ވަނީ ނިންމާލައިފަ އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ އަންނަ ހޯމަ ދުވަހު ހުކުމް އިއްވާނެ ކަމަށެވެ.

އިބްތިހާލަށް އަނިޔާކުރި ކަމަށް އެއްބަސްވި އާފިޔާ ކުރިން އެއްބަސްވެފައި ވިޔަސް، އޭނާ މިހާރު އެކަމަށް އިންކާރު ކުރެ އެވެ. އަދި މިދިޔަ މަހު ހުކުމް އިއްވަން ހަމަޖައްސާފައި ވަނިކޮށް އާފިޔާއަށް ވަކީލަކު ބޭނުންވާ ކަމަށް ބުނުމުން ހުކުމް އިއްވުން ފަސްކޮށް، ވަކީލެއްގެ އެހީއާ އެކު ޚުލާސާ ބަޔާން ހުށަހަޅަން އޮތީ ފުރުސަތު ދީފަ އެވެ.

ޚުލާސާ ބަޔާން ހުށަހަޅަމުން އާފިޔާގެ ވަކީލް ހުސްނީ މުބާރަކް ވިދާޅުވީ އާފިޔާ ކުރިން ވެފައިވާ އިއުތިރާފު އޭނާ އަނބުރާ ގެންގޮސްފައިވާތީ އެ އިއުތިރާފަށް ބިނާކޮށް ކުށް ސާބިތުނުވާނެ ކަމަށެވެ. އަދި އިބްތިހާލަށް އަނިޔާކުރި ތަން ފެނުނު ހެކިވެރިއަކު ނެތުމުން އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ގަސްދު މަރެއް ސާބިތު ނުވާނެ ކަމަށާއި އަދި އަނިޔާކުރީ މެރުމުގެ ނިޔަތެއް އޮވެގެން ކަން ސާބިތުނުވާތީ ގަސްދު މަރަކަށް ނުވާނެ ކަމަށް ވެސް ހުސްނީ މުބާރަކް ވިދާޅުވި އެވެ.

އާފިޔާއަށް ކުރިން ލިބިފައި ހުރި އަނިޔާތަކަށް ވެސް އިންސާފު ލިބެންޖެހޭ ކަމަށް ހުސްނީ ވިދާޅުވި އެވެ.

އާފިޔާއަކީ ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކަށް ވާތީ މިހާރު ގާނޫނު އޮންނަ ގޮތުން އޭނާގެ ބަންދު ރިވިއު ކުރުމަށް ފަހު ބަންދު ދެމެހެއްޓުމަށް މިއަދު ވަނީ ނިންމައިފަ އެވެ. ގާޒީ ވިދާޅުވީ އެގޮތަށް ނިންމީ މައްސަލާގެ ބާވަތުން ބަންދަށް ލުޔެއް ދޭން ނުފެންނާތީ ކަމަށެވެ.