މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

އެ އޮފީހުން ބުނީ ސިއީއޯގެ މަގާމަށް އައްޔަންކުރީ ޕެންޝަން ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މޯލްޓާއަށް އުފަން ޖޯން ގްރިންޑާލް އެވެ.

ޖޯން ގްރިންޑާލް ވަނީ މީގެ ކުރިން މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީމާއި، ކޮމްޕްރޭ ގްރޫޕް މޯލްޓާގެ ޗީފް އޮޕަރޭޓިން އޮފިސަރުކަމުގެ އިތުރުން އިނގިރޭސިވިލާތުގެ މާލީ އިދާރާއެއް ކަމުގައިވާ ލޯއިޑްސް ބޭންކިން ގްރޫޕުގެ ސީނިއާ އެކްޗުއަރީކަން ކުރައްވާފަ އެވެ. މީގެ އިތުރުން، އޭނާއަކީ ޑިފައިންޑް ކޮންޓްރިބިއުޝަން އެންޑް ޑިފައިންޑް ބެނެފިޓް ފަންޑިން އާއި ޕެންޝަނާގުޅޭ އިންވެސްޓްމަންޓް ރިސްކް މޮޑެލިންގެ ދާއިރާގައި ތަޖުރިބާކާރެކެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ބޭފުޅަކު އައްޔަންކުރީ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ޕެންޝަން އޮފީހުގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުންނެވެ. އެގޮތުން މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޫން މަހުގެ 25 ވަނަ ދުވަހު ވަނީ ޕެންޝަން އޮފީހުގެ ބޯޑުން ހުޅުވާލާފަ އެވެ.

ރާއްޖޭގެ ޕެންޝަން ސްކީމްތައް ބެލެހެއްޓުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އުފެއްދީ 2009 ވަނަ އަހަރު އެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު ހުސައިން މަނިކެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ 2009 ގަ އެވެ.