ކަލާޒް ޓީވީން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގްބޮސް 16" ގައި ވާދަކުރި ބަތަލާ ސައުންދަރިޔާ ޝަރުމާއަށް ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ. ސައުންދަރިޔާ އަށް ލިބިފައިވަނީ މިފަހަރު ސީޒަންގައި އޭނާއަކު "ބިގްބޮސް" ގައި ބައިވެރިވި ޑައިރެކްޓަރު ސާޖިދު ޚާން ޑައިރެކްޓްކުރާ ފިލްމަކުންނެވެ.

މި ފިލްމުގެ ލަވައަކުން ސައުންދްރިޔާ ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މި ލަވާގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ސައުންދަރިޔާ އަށް ވަނީ "ބިގްބޮސް 16" އޭނާ ދައްކައިދިން ޝަހުސިއްޔަތުގެ ސަބަބުން ފޭނުގެ ލޯބި ލިބިގެން ގޮސްފަ އެވެ.

"ބިގްބޮސް 16" އިން ސައުންދަރިޔާ ވަކިވެގެންދިޔުމުން ގިނަ ބަޔަކު ވަނީ އޭނާ އެޝޯއިން ވަކިވެގެންދިޔައީ އެއްވެސް އިންސާފުވެރި ގޮތެއްގައި ނޫން ކަމަށް ބުނެފަ އެވެ.

ސައުންދަރިޔާގެ އިތުރުން މިފަހަރުގެ ސީޒަންގައި ބައިވެރިވި އެހެން ބައިވެރިންނަށްވެސް އިތުރު ފިލްމުތަކާއި ސީރީޒްތަކުން ވަނީ ފުރުސަތު ލިބިގެން ގޮސްފަ އެވެ. އެގޮތުން އެކްތާ ކަޕޫރުގެ އެލްއެސްޑީ 2 އިން ނިމްރިތުއަށް ފުރުސަތު ލިބިފައިވާއިރު އަންކިތު އާއި ގޯތަމް އަށް ވަނީ ކަލާޒް ޓީވީގެ އާ ޝޯއަކުން ފުރުސަތު ލިބިގެން ގޮސްފަ އެވެ.

ހަތަރު އަހަރު ފަހުން ސާޖިދު ޚާން ފިލްމެއް ޑައިރެކްޓް ކުރާއިރު މިފިލްމުގެ ޝޫޓީން އޭޕްރީލު މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މިފިލްމުގެ ބަތަލާއެއް ގޮތުގައި ފެނިގެންދާނީ "ބިގްބޮސް 13" މަގުބޫލުކަން ހޯދި ޝެހެނާޒް ގިލް އެވެ.

ބެލުންތެރިންގެ މަޤުބޫލުކަން ލިބިފައިވާ ގިނަ ކޮމެޑީ ފިލްމުތަކެއް މީގެކުރިން ޑައިރެކްޓުކޮށްފައިވާ ސާޖިދު ވަނީ ފަހަކަށް އައިސް ބޮލީވުޑުން ވަރަށް އެކަހެރިކޮށްފަ އެވެ. މިކަމުގެ ސަބަބަކީ އޭނާ އާއި ދެކޮޅަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތަކެވެ.