އިންޑިއާގެ ސަރުކާރުން ހުރިހާ ޝަރުތުތައް ގަބޫލުކުރުމުން ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އިން ކުރިއަށްގެންދިޔަ އިހުތިޖާޖުތައް ހުއްޓާލުމަށް ނިންމައިފި އެވެ.
މި ނިންމުން ނިންމާފައިވަނީ ސީޖޭޕީގެ މައިގަނޑު ޑިމާންޑެއް ކަމަށްވާ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މީގެ އިތުރުން ނީޓް-ޔޫޖީ ކަރުދާސް ލީކުވުމާ ގުޅިގެން އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ކޮންމެ އާއިލާއަކަށް 1 ކްރޯޑް ރުޕީސްގެ ބަދަލެއް ދިނުމަށާއި، މުޒާހަރާގެ ބައިވެރިންނަށް ގާނޫނީ ފިޔަވަޅު ނޭޅުމަށްވެސް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.
މިކަން އިއުލާންކުރީ ޔޫނިއަން މިނިސްޓަރުން ކަމަށްވާ ޖިތެންދުރަ ސިންގް އާއި ޖޭޕީ ނައްޑާ، އަދި ސީޖޭޕީގެ ތަރުޖަމާނުން ކަމަށްވާ އަޝުތޯޝް ރަންކާ އާއި ސޯރަވް ދާސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭޕީ ނައްޑާ ވިދާޅުވީ، މިހާތަނަށް ހުށަހަޅާފައިވާ އެފްއައިއާރު ތަކުގެ ކޮޕީ ސީޖޭޕީއަށް ފޯރުކޮށްދޭނެ ކަމަށާއި، އެއްވެސް ފަރާތަކަށް ފިޔަވަޅެއް ނާޅާނެ ކަމަށެވެ. އަދި ގަވާއިދުތަކުގެ ތެރެއިން ދެވޭނެ އެންމެ ބޮޑު މާލީ އެހީތެރިކަމެއް އާއިލާތަކަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވި އެވެ.
ތައުލީމީ ނިޒާމާއި އިމްތިހާނުތަކަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭގޮތުން ސީޖޭޕީން ހުށަހެޅި ފަސް ނުކުތާގެ މައްޗަށް އެކުލެވޭ ޗާޓަރާ ގުޅޭގޮތުން ނައްޑާ ވިދާޅުވީ، އެކަމާ މެދު ސަރުކާރުން ފުންކޮށް ވިސްނާނެ ކަމަށާއި، އެ ޕާޓީގެ ވަފުދަކާ ބައްދަލުކޮށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
މަހަކަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ މި އިހުތިޖާޖު ނިންމާލިކަން އިއުލާންކުރަމުން ސީޖޭޕީން ބުނީ، އެ ޕާޓީގެ ހުރިހާ ޝަރުތުތަކެއް ސަރުކާރުން ގަބޫލުކޮށްފައިވާ ކަމަށެވެ.
ސަރުކާރުން އެއްބަސްވި މައިގަނޑު ކަންތައްތަކަކީ:
- ނީޓް ކަރުދާސް ލީކުވުމާ ގުޅިގެން އަމިއްލައަށް މަރުވި ކުދިންގެ އާއިލާތަކަށް ދެވޭނެ އެންމެ ބޮޑު މާލީ ބަދަލެއް ދިނުން.
- މަރުކަޒީ ސަރުކާރާއި އެންޑީއޭ ކޯލިޝަނުން ހިންގާ ސްޓޭޓްތަކުން ހުށަހަޅާފައިވާ ހުރިހާ އެފްއައިއާރުތަކެއް އަނބުރާ ގެންދިއުމާއި، އިހުތިޖާޖުގެ ބައިވެރިންނަށް މުސްތަގުބަލުގައި އެއްވެސް ފިޔަވަޅެއް ނޭޅުން.
- އިމްތިހާނުތައް އިސްލާހުކުރުމާ ގުޅޭގޮތުން ސީޖޭޕީން ހުށަހެޅި 5 ނުކުތާގެ ޗާޓަރާ މެދު ސަރުކާރުން މަޝްވަރާކޮށް ގޮތްތަކެއް ނިންމުން.
މީގެ ދެ އަހަރު ކުރިންވެސް އިމްތިހާނުގެ މިފަދަ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް، އަލުން ނީޓް ކަރުދާސް ލީކުވުމުން އިންޑިއާގެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އަދި އަލުން އިމްތިހާނު ހަދަންޖެހިދާނެ ކަމުގެ ބިރަށް ގިނަ ދަރިވަރުންތަކެއް އަމިއްލައަށް މަރުވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެގެންދިޔަ ކަމެކެވެ.
އަމީނީ މަގުގައި އަލުން ތާރު އެޅުމުގެ މަސައްކަތް ފަށަނީ
އެޕޯލޯ ކްރިސްޓަލް އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި
އިމިގްރޭޝަންގެ ތާރީހީ މައުރަޒު އުއްޗު ހުޅުއްވާދެއްވައިފި