ސަރުކާރުގެ ދެ ވުޒާރާއެއްގެ މަސައްކަތު ދާއިރާއަށް ބަދަލުތަކެއް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި، ޕްލޭނިން މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއާއި ހެލްތު މިނިސްޓްރީގެ މަސައްކަތު ދާއިރާއަށް ބަދަލުގެންނަވަން ނިންމަވައި، ރައީސް ފޮނުއްވި ސިޓީ ވަނީ އިއްވާފައިވެ އެވެ.

ރައީސް ގެ ސިޓީގައި ވާގޮތުން ޕްލޭނިން މިނިސްޓްރީގެ މަސައްކަތު ދާއިރާއަށް ބަދަލުގެންނަނީ އެ މިނިސްޓްރީގެ ދަށުގައި އޮންނަ ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ބައެއް މަސައްކަތްތަކަށް ބަދަލުތަކެއް ގެނައުމާ ގުޅިގެންނެވެ.

އަދި ހެލްތް މިނިސްޓްރީގެ ދާއިރާއަށް ބަދަލު ގެންނަވަނީ ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓުމެންޓުގެ ނަމުގައި ސަރުކާރުގެ އިދާރާއަށް އުފައްދައި އެ އިދާރާއަކީ ހެލްތު މިނިސްޓްރީގެ ބައެއްކަމަށް ހަމަޖައްސާފައިވުމާ ގުޅިގެން ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

އަދި މިދެ ބަދަލުވެސް މަޖިލީހުން ފާސްކޮށްދެއްވުމަށް ރައީސް ސޯލިހު ގެ ސިޓީގައި ވަނީ އެދިލައްވާފަ އެވެ.

މި ދެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުމަށް ހަދާފައިވާ ކޮމިޓީއަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފޮނުވާފަ އެވެ.