ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އޭގެ ނޭދެވޭ އަސަރު ކުރުވާ އެއްޗެކެވެ. އަދި ދެރަކަމަކީ މިއީ އިންތިހާއަށް ދެވި ހިފާ، އަދި ފަސޭހައިން ހުއްޓާލެވޭ ކަމަކަށް ވެސް ނުވުމެވެ.

އެހެން ނަމަވެސް ކެއިންބުއިމަށް ގެނެވޭ ބައެއް ބަދަލުތަކާއެކު މިކަމަށް ފަސޭހަވެ އެވެ. މި ލިޔުމުގައި މި ހަމަނާލަނީ ސިނގިރޭޓު ބުއިން ހުއްޓާލަން އެހީވެދޭ ބައެއް ބާވަތްތަކަށެވެ.

އޮރެންޖު

އޮރެންޖަކީ ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ މޭވާއެކެވެ. މީގެ ސަބަބުން ސިނގިރޭޓުގެ ދުމުން ހަށިގަނޑަށް އެތެރެވާ ޓޮކްސިކް މާއްދާތައް ނައްތާލާ، މެޓަބޮލިޒަމް އިތުރުކޮށްދީ ލޭގައި ހުންނަ ނިކޮޓިން ބޭރުކޮށްދިނުމަށް އެހީވެ އެވެ.

ކިވީ

ސިނގިރޭޓް ބުއިމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިޓަމިން އޭ، ސީ އަދި އީ ދަށްވެ އެވެ. އެހެން ކަމުން ކިވީ ފަދަ މި މައްދާތައް ގިނަ މޭވަތައް ކެއުމުން ހަށިގަނޑުގެ ނިއުޓްރިޝަނަލް ލެވެލް ބެލެންސް ކޮށްދޭނެ އެވެ.

ފެން

ފެންބުއިމުން ނިކޮޓިންގެ ސަަބަބުން ހަށިގަނޑަށް ވެފައި ހުންނަ ގެއްލުންތައް ރަނގަޅުކޮށްދެ އެވެ. ނިކޮޓިން އަކީ ހަށިގަނޑު ޑީހައިޑްރޭޓް ކޮށްލާ އެއްޗެވެ. އެހެން ކަމުން ދުވާލަކު މަދުވެގެން 8 ތަށި ފެން ބޯންޖޭހެ އެވެ.

ސްޕިނެޗް

ދިރާސާތަކުން ދައްކާ ގޮތުގައި ސިނގިރޭޓް ނުބޯ މީހުންނަށް ވުރެ ސިނގިރޭޓް ބޯމީހުންގެ ހަށިގަނޑުގައި ފޮލިކް އެސިޑް ހުންނަ މިންވަރު މަދެވެ. މި އެސިޑަކީ ނާރުތަކާއި މަސް އަދި ސިކުނޑީގެ ދުޅަހެޔޮކަމަށް ވެސް މުހިންމު އެއްޗެކެވެ.މީގެ އިތުރުން ސްޕިނެޗް އަކީ ދުންފަތުގެ ރަހަ ވެސް ނުބައިކޮށްލާ އެއްޗެކެވެ.

ކެރެޓު

ދުވާލަކު ކެރެޓު ތައްޓެއް ބޯނަމަ ހަށިގަނޑަށް އޭ، ބީ، ސީ އަދި ކޭ ލިބި، ހަށިގަނޑުގައި ހުންނަ ނިކޮޓިން ބޭރުކޮށްދިނުމަށް އެހީވާނެ އެވެ.