އަންކާރާ (13 ފެބްރުއަރީ) - މިދިޔަ ހޯމަ ދުވަހު ތުރުކީއަށް އައި ބިންހެލުމަކީ އެ ސަރަހައްދުގެ ގައުމުތަކަށް އައި އިންޒާރެއް ކަމަށާއި އެ ބިންހެލުމުގެ ސަބަބުން ކުރިއަށް އޮތް އަހަރު ތެރޭގައި އިތުރު ކުދި ބިންހެލުންތައް އާއްމުވާނެ ކަމަށް މާހިރުން ލަފާކޮށްފި އެވެ.

ރެކްޓަ މިންގަނޑުން 7.8 ގެ ބާރުމިނުގައި ކުރިމަތިވި އެ ބިންހެލުމަށްފަހު މިހާތަނަށް ވެސް އިތުރު ބިންހެލުންތަކެއް ރެކޯޑް ކުރެވިފައިވާއިރު، ބިންހެލުމުގެ ސަބަބުން ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އެ ސަރަހައްދަށް އިތުރު ލޮޅުންތައް އެރުން އެކަށީގެންވާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ތުރުކީއަށާއި ސޫރިއާގެ ސަރަހައްދުތަކަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 33،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އެ އަދަދު ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރު ވަމުންނެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ބިންހެލުންތައް އިތުރުވާނެ ކަމަށް މާހިރުން ބުނަމުންދާއިރު ތުރުކީގެ އުމްރާނީ ހާލަތަކީ އެކަމަށް އޮތް ބޮޑު ނުރައްކަލެއް ކަަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެގޮތުން އެގައުމުގެ މައި ސަރަހައްދުތަކުގައި އާބާދީ ބައިބޯވުމާއި އިމާރާތް ކުރުމުގެ ފެންވަރު ހުރި ގޮތަކީ ވެސް ކުރިއަށް ތަނުގައި ބިންހެލުންތަކުގެ ނުރައްކާ ބޮޑުވާނެ ސަބަބުތައް ކަމަށް އެ ބޭފުޅުން ބުނެފައިވެ އެވެ.

ހޯމަ ދުވަހުގެ ބިންހެލުމުގައި ވެސް ތުރުކީއަށް އުމްރާނީ އަދި އިންސާނީ ގިނަ ގެއްލުންތަކެއް ލިބިފައިވާއިރު، މިފަދަ އިންޒާރަކީ އެ ގައުމަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ.. -- އަލް އަރަބިއްޔާ