ނަވާރަ ސަތޭކަ ފަންސާސް ތިން ވަނަ އަހަރު އޮގަސްޓު މަހުގެ ފަހު ހަފުތާގެ ދުވަހެކެވެ. މާލެއާ ދިމާ ބޭރުން ކަނޑަށް ޖެއްސީ އާރުއޭއެފްގެ ކަނޑަށް ޖައްސާ މަތިންދާ ބޯޓެކެވެ. ޓެނިސް ރެކެޓެއް ހިއްޕަވައިގެން ސީޕްލޭނުން ފައިބާ ވަޑައިގެންނެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެއީ އެމަނިކުފާނު ކުރެއްވި ފަހު ދަތުރުފުޅެވެ.

އެމަނިކުފާނުގެ ސިލޯނާއި މާލެއާ ދެމެދު ދަތުރެއް ކުރެއްވިއަސް އައްޑުއަށް ވަޑައިގެންނެވި ކަމުގައި ވިޔަސް ނުވަތަ ކެލަޔަށް ވަޑައިގެންނެވި ކަމުގައި ވިޔަސް ސީ ޕްލޭނުގައި ދަތުރު ކުރެއްވެ އެވެ. އެއީ ރާއްޖޭގެ މިނިވަންކަން އިނގިރޭސި ސަރުކާރަށް ވެދުމަށް އެރުވުމަށްފަހު އެމަނިކުފާނުގެ ޚާންދާނުން ހޯއްދަވާފައި އޮތް ޝަރަފެކެވެ.

"ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެންމެ ރަނަގަޅުވާނީ އިނގިރޭސި ސަރުކާރު ފަދަ ބޮޑު ބާރެއްގެ ހިމާޔަތުގެ ދަށުގައި އޮތުމުން" ކަމަށް ވަކާލާތު ކުރަމުން ރާއްޖޭގެ ވެރިން ދިރިއުޅުއްވަމުން ގެންދެވީ އިނގިރޭސިންގެ ފަރާތުން ލިބެމުން ދިޔަ ހެޔޮކަމުގެ ނިވަލުގަ އެވެ. ވެރިން އުފަލާއި އަރާމުގައި އުޅުއްވިއިރު، އާންމު ރައްޔިތުންނަކީ އެމީހުންގެ ރަށްފުށު ދިރިއުޅުން ނޫން އެހެން އެއްޗެއް ދަންނަ ބައެއް ނޫނެވެ.

މުހައްމަދު އަމީނުގެ ވެރިކަން އިންގިލާބު ކޮށްލުމަށް ފަހު ގައުމަށް ގެނައި ސަރުކާރުގެ ފުރަތަމަ ކަމަކަށްވީ އައްޑު އަތޮޅު ގަމާއި މާމެންދޫއިން ބޮޑު ބައެއް 100 އަހަރަށް އިނގިރޭސިންނަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމެވެ. އެ އެއްބަސްވުމުގައި ވާ ގޮތުން އިނގިރޭސިން ބޭނުން ވެއްޖެނަމަ އެ ބިންތައް ވިއްކާ ލެވިދާނެ އެވެ.

ދިވެހި ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް ވެސް ނުވަތަ ރައްޔިތުންގެ މަޖިލީހަކަށް ވެސް އެންގުމަކާ ނުލައި އޭރުގެ ބޮޑުވަޒީރު އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސިލޯނުގަ އެވެ. އޭރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އުމުރުން 30 އަހަރުގެ އިބްރާހިމް ނާސިރު އެ އެއްބަސްވުމާ ދެކޮޅަށް ނިކުމެވަޑައިގެންނެވި އެވެ. ގިނަ މެންބަރުންގެ ތާއީދާއެކު ކުރެވުނު މަސައްކަތަށް އެތައް ގޮންޖެހުންތަކެއް އައި ކަމަށް ވިޔަސް އެންމެފަހުން އެ އެއްބަސްވުން އޮތް ގޮތަށް ކުރިޔަށް ނުގެންދެވި ބޮޑު ވަޒީރު އިސްތިއުފާ ދެއްވި އެވެ.

ހުސްވި ބޮޑުވަޒީރު ކަމުގެ މަގާމު ލިބިވަޑައިގެންނެވީ ނާސިރަށެވެ. އެއާ އެކު ދެކެވުނު އެތައް ވާހަކައަކާއި ދެކުނުގައި އިނގިރޭސިން އުފެއްދި ވަކި ދައުލަތުގެ ގަޑުބަޑުގެ ތެރެއިން ގޮސް މައްސަލަ ނިމުނީ އަލުން އާ އެއްބަސްވުމަކާ އެކު އިނގިރޭސިންނަށް އެ މީހުން ބޭނުންވާ ބިން ކުރު މުއްދަތަކަށް ދީގެންނެވެ.

ޒުވާން ބޮޑު ވަޒީރު ނާސިރަށް ވިސްނި ވަޑައިގެންނެވީ ސިލޯނަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި ރާއްޖެއަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ކަމަށެވެ. ވައި ނުބައިއްޔާ 30 ދުވަހުން ރަނގަޅިއްޔާ ހަތަރު ފަސްދުވަހުން ސިލޯނަށް ދަތުރުކޮށްގެން ނޫނީ އެއްވެސް ކަމެއް ކުރެވެން ނެތް ހާލެއްގައި ބަނދެވިފައި ތިބި ބަޔަކަށް ރާއްޖެ، ވާން ނުޖެހޭނެ ކަމަށް ނާސިރު ދެކެވަޑައިގެންނެވި ކަމަށް ވިޔަސް ރާއްޖެއާ އިނގިރޭސި ވިލާތާ ދެމެދު ވެފައި އޮތް ހިމާޔަތުގެ އެއްބަސްވުމުގެ ސަބަބުން ނާސިރު ބޭނުންފުޅުވި ތަރައްގީ ގެނެވޭ ގޮތެއް ނުވި އެވެ.

ދިވެހި ރާއްޖޭގެ ވެރިކަމުގެ ދަހިވެތިކަމުގައި ބަޔަކު ވަނީ އިނގިރޭސިންގެ ކަސްތޮޅުގައި ރާއްޖެ ރަނގަޅަށް ހައްޔަރު ކުރުވާފަ އެވެ. ރާއްޖެ ވެއްޓިފައި އޮތް އަނދަވަޅުން ނަގައި ތަރައްގީގެ ދުވެލީގައި ފިޔަވަޅެއް އަޅަން ބޭނުންނަމަ އެންމެ ފުރަތަމަ ވެސް ކުރަން ޖެހިފައި އޮތް ކަމަކީ އިނގިރޭސިންގެ އަޅުވެތިކަމުން ސަލާމަތް ވުމެވެ. އެ މުހިންމު ޒިންމާ ކޮނޑުގައި އެޅުއްވީ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ.

ތަފާތު އެތައް ގޮންޖެހުންތަކަކާ އެކު ހިކުމަތްތެރިކަމާއެކު ކުރެއްވި މަސްއކަތުގެ ނަތީޖާއެއްގެ ގޮތުން 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމުގެ އެއްބަސްވުމުގައި ސޮއި ކުރި އެވެ.

ރާއްޖޭއަށް މިނިވަންކަން ލިބުމާއެކު އެވާހަކަ އިނގިރޭސި ނޫސްތަކުގައި ލިޔެފައި އޮތީ އެކަމުން ރާއްޖެއަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށެވެ. އެ ނޫސްތަކުގައި ސިފަކޮށްފައި އޮތްގޮތުގައި ރާއްޖޭގެ ޚާރިޖީ ކަންތައް އިނގިރޭސިންގެ މުށު ތެރޭގައި އޮތް އޮތުން ދޫކޮށްލި ކަމަށް ވިޔަސް ރާއްޖެއަކީ ސިލޯން ފިޔަވާ އެއްވެސް ބޭރުގެ ގައުމަކާ ގުޅުމެއް އޮންނަ ގައުމަކަށް ނުވާތީ، އެގްރިމެންޓްގެ މާބޮޑު އަސަރެއް ރާއްޖެއަކަށް ނުކުރާނެ އެވެ. ހަމަ އެފަދައިން ކުޑަކުޑަ ރަށްތަކަކަށް ވުމުން އދ. އާއި ކޮމަންވެލްތުގައި ބައިވެރިވުމުގެ ހިތްވަރެއް ވެސް ރާއްޖެއަކު ނުހުންނާނެ އެވެ.

އިނގިރޭސިންނާއި، ދިވެހި ރާއްޖެ އިނގިރޭސިންގެ ހިމާޔަތަށް ގެންދިޔަ ވެރިކަމުގެ އާއިލާތަކުގެ މެންބަރުން ކޮންމެ ގޮތަކަށް ދުށް ކަމަށް ވިޔަސް އިނގިރޭސިންގެ އަތްދަށުން މިނިވަންވުމާއެކު ބޮޑު ވަޒީރު ނާސިރު އދ. ގައި ރާއްޖެ ބައިވެރިކުރައްވައި ބައިނަލް އަގުވާމީ މައިދާނަށް ރާއްޖެ ނެރެދެއްވި އެވެ. އެއާއެކު ރާއްޖޭގެ އިގުތިސާދާއި މުއާސަލާތުގެ ވަސީލަތްތަކުގެ ބިންގާ އަޅުއްވައި ޒަމާނީ ތައުލީމު ފެށްޓެވި އެވެ.

ރައީސް ނާސިރު ވެރިކަން ދޫކޮށްލެއްވިއިރު ރާއްޖެ އޮތީ ދެކުނު އޭޝިޔާގެ އެންމެ ބާރަށް ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް އަރާފަ އެވެ. ރާއްޖެއަށް ސަލާމަތްކަމާއި ރައްކާތެރިކަން އޮތީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ތިބެގެން ކަމަށް ކުރީގެ ވެރިންނަށް ފެނުނު ކަމަށް ވިޔަސް ނާސިރަށް ފެނިވަޑައިގެންނެވީ ރާއްޖެ ކުރިއަށް ދިއުމަށް އޮތް ދޮރޯށި އިނގިރޭސިން ބަންދު ކޮށްފައި އޮތް ތަނެވެ. އެމަނިކުފާނު ވަނީ އެ ދޮރޯށި ހުޅުވައިދެއްވައި ރާއްޖެ ބައިނަލްއަގުވާމީ މަސްރަހަށް ނެރެދެއްވާފަ އެވެ. އެއާއެކު އެއާއެކު ރާއްޖެ ފަށައިގަތް ތަރައްގީގެ ދުވެލި ދަނީ ބާރަށް ކުރިއަށެވެ.