ޖުމްހޫރީ ޕާޓީގެ ލީޑާޝިޕުގެ އެންމެ މުހިއްމު ދެ މަޤާމަށް އެ ޕާޓީގެ މިހާރުގެ ލީޑަރު މާމިގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޤާސިމް އިބްރާހީމާއި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ކުރިމަތިލައިފި އެވެ.

އެ ޕާޓީގެ ލީޑަރުކަމަށާއި ނައިބު ލީޑަރުކަަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވައިލި މުހުލަތު މިއަދު މެންދުރު 12:00 އަށް ހަމަވީއިރު ޕާޓީގެ ލީޑަރުކަމަށް ގާސިމް އަދި ނައިބަކަށް ނަހުލާ ކުރިމަތި ލައްވާފައިވާކަން އެ ޕާޓީން ވަނީ ހާމަކޮށްފަ އެވެ.

ނަހުލާގެ އިތުރުން ޕާޓީގެ ނައިބުލީޑަރުކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް، ޖޭޕީގެ ނައިބް ރައީސް އަހްމަދު ސައުދު، އިމިގްރޭޝޥަން ކޮންޓްރޯލަ މުހައްމަދު އަހްމަދު (ހަނަފީ) އާއި ސްޓެލްކޯގެ ކުރީގެ އެމްޑީ އަދި މިހާރުގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ އާއި އެމްޓީސީސީގެ ކުރީގެ ޗެއާމަން އިގުބާލް އަހްމަދު ހިމެނެ އެވެ. އަދި ކުރީގެ މަޖިލިސް މެންބަރުން ކަމަށްވާ ހަސަން ޝާހް އާއި އަބްދުﷲ އަހްމަދު ވެސް ޖޭޕީގެ ނައިބް ލީޑަރު ކަމަށް ކުރިމަތިލެއްވި އެވެ.

ޖޭޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 އިން 25 އަށް މާލޭގަ އެވެ. ޖޭޕީގެ އަސާސީ ގަވައިދު މިހާރު އޮތް ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ޕާޓީގެ ލީޑަރެވެ. ޖޭޕީ އުފެއްދި ފަހުން އެ ޕާޓީގެ ލީޑަރަކަށް ހުންނެވީ ގާސިމް އިބްރާހީމް އެވެ