ފްލޯޓިން ސިޓީގެ ގޮތުގައި ތަރައްގީކުރަން ނިންމި ސިޓީގެ ޕްލޭން ބަދަލުކޮށް، އެންމެ ފަހުން ވަށައި ބިން ހިއްކާ ގޮތަށް ނިންމައިފި އެވެ.

ކ. އަތޮޅު އާރަށް ކައިރީ އޮންނަ ފަޅުގައި ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާކަމަށް ބުނާ ބިޔަ ފްލޯޓިން ސިޓީގެ ކުރީގެ ޕްލޭންގައި ވަނީ އެއްވެސް ވަރަކަށް ބިން ނުހިއްކާ ގޮތަށެވެ. އެހެން ނަމަވެސް، މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ފްލޯޓިން ސިޓީގެ ކުރީގެ ޕްލޭންގައި ބިން ނުހިއްކާ ގޮތަށް އޮތް ނަމަވެސް ފަހުގެ ޕްލޭންގައި ފްލޯޓިން ސިޓީގެ ވަށައިގެން ބިން ހިއްކާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް އަސްލަމް ހާޒިރުކޮށް މެމްބަރުން ވަނީ ފްލޯޓިން ސިޓީގެ މަޝްރޫއު ކުރިއަށް ދާގޮތުގެ ފުރިހަމަ ތަފްސީލެއް ދެއްވުމަށް އެދި ވަޑައިގެންފަ އެވެ. އަދި މަޖިލީހުގެ ރައީސް ވެސް ވަނީ އެކަމަށް އެދިވަޑައިގެންފަ އެވެ.

އެހެން ނަމަވެސް އަސްލަމް ވިދާޅުވީ ފްލޯޓިން ސިޓީގެ މަޝްރޫއުގެ މާބޮޑު ތަފްސީލެއް ނޭނގޭ ކަމަށާ މަސައްކަތް ނުހިއްޓި ކުރިއަށް ދާ ކަމަށް ވިދާޅުވެފައި އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖްލިސް

އަސްލަމް ވިދާޅުވީ ފްލޯޓިން ސިޓީގެ މަޝްރޫއަކީ އެއްވެސް ވަރަކަށް ބިން ހިއްކައިގެން ކުރިއަށް ގެންދަން އޮތް މަޝްރޫއެއް ނޫންކަމަށާ އެހެން ނަމަވެސް ފަހުން ފެނުނު ޕްލޭންތަކުގައި ފްލޯޓިން ސިޓީގެ ވަށައިގެން ބިން ހިއްކާގޮތަށް އޮތް ކަމަށެވެ.

އަސްލަމް ވިދޅާުވީ މިއީ ސީދާ ޕްލޭނިން މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއެއް ނޫން ކަމަށެވެ. އެހެންވީމާ އެންމެ ފުރިހަމަ މައުލޫމާތު ނުދެއްވިދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ފްލޯޓިން ސިޓީގެ މޮކަޕް އެއް ހެދުމަށް ރާއްޖޭގެ ކުންފުންޏްކާ ހަވާލުކޮށްފައިވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ފްލޯޓިން ސިޓީގެ މަސައްކަތުގައި ބަޔަކު އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ފްލޯޓިން ސިޓީ އެއް އެޅުމަށް ސޮއިކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެވެ. ފްލޯޓިން ސިޓީ ހެދުމުގެ މަސައްކަތް ކުރަނީ ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑު ކުންފުނިންނެވެ. މިމަޝްރޫއާއި އެކު އެ ކުންފުންޏަށް މާލެ އަތޮޅުން ފަސް ފަޅެއް 2011 ވަނަ އަހަރު ދޫކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން ދެ ފަޅު ރައީސް ޔާމީންގެ ވެރިކަމުގައި ކުއްޔަށް ދޫކޮށްފައި ވެ އެވެ.

ފަހުން އަނެއްކާ ވެސް ޑަޗް ޑޮކްލޭންޑްސްއާއެކު ޖޮއިންޓް ވެންޗާއެއް ހަދައިގެން ފްލޯޓިން ރަށްތަކެއް ހަދަން މި ސަރުކާރުން ސޮއިކުރީ 2021 ވަނަ އަހަރުގެ މާޗް މަހު އެވެ.

ގާތްގަނޑަކަށް 1.6 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ ކަމަށް ބުނާ ބިޔަ މަޝްރޫއުގެ ދަށުން ލަގްޒަރީ ފެންވަރުގެ 5000 ހައުސިން ޔުނިޓު ތަރައްގީކުރާނެ ކަމަށް ބުނެ އިއުލާންކުރި އެވެ. އަދި އެ "ސިޓީ" ތަރައްގީ ކުރަނީ 20،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކަމަށް ވެސް ބުނެފައިވެ އެވެ.