ދައުލަތުގެ ބަޖެޓުން މި އަހަރު ހަ ސިޔާސީ ޕާޓީއަކަށް ފައިސާ ދިނުމަށް ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު އެ ކޮމިޝަނަށް ހުށަހެޅުމުން ސިޔާސީ ޕާޓީތައް ހިންގުމަށް މިއަހަރުގެ ބަޖެޓުން ކަނޑައެޅި 36 މިލިއަން ރުފިޔާ ހަ ޕާޓީއަކަށް ދޫކުރާ ގޮތަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެ ޕާޓީތަކަކީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްއެންޕީ އަދި އެމްޑީއޭ އެވެ.

އެ ކޮމިޝަނުން ނިންމާފައި ވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް 14.2 މިލިއަން ރުފިޔާ ދޫކުރުމަށެވެ. އަދި އިދިކޮޅު ޕީޕީއެމަށް ދޫކުރަނީ 9.5 މިލިއަން ރުފިޔާއެވެެ. އަދި ޖޭޕީއަށް 5.68 މިލިއަން ރުފިޔާ ދޫކުރާއިރު އެމްޑީއޭ އަށް 2.59 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިއްމާފަ އެވެ. އަދި އަދާލަތު ޕާޓީއަށް 2.4 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާއިރު އެމްއެންޕީއަށް 2.43 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރެވޭނީ 10،000 މެންބަރުން ހަމަޖައްސާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެ.