މާލޭގައި ބޭއްވި ކައިވެނި ޕާޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި އާއިލާއެއްގެ އެކަކު އިނގިރޭސިވިލާތުން ރާއްޖެ އައި ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާ ޕޮޒިޓިވްވީ ޕާޓީގެ ފަހުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން ބުނެފި އެވެ.

އެޗްއީއޯސީ އިން މިއަދު ބުނީ އިނގިރޭސިވިލާތުން އައި ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކުގެ އާއިލާ މެންބަރުން ކައިވެނި ޕާޓީ ކްލަސްޓާގައި ހިމެނޭ ކަމަށެވެ. އަދި އެ މީހާ ޕޮޒިޓިވްވީ އިނގިރޭސިވިލާތުން އަލަށް ފެނުނު ކޮވިޑް ސްޓްރެއިން އިން ކަމެއް ދެނެގަނެވޭނެ ގޮތެއް މިވަގުތު ނެތް ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

އެޗްއީއޯސީން ބުނީ އެ މީހާ އިނގިރޭސިވިލާތުން އައިއިރު އެ ގައުމުން އަންނަ ދިވެހިން މާލެ ސަރަހައްދަށް އަންނަ ނަމަ ކަރަންޓީން ވާކަށް ނުޖެހެ އެވެ. އެ އުސޫލަށް އަމަލުކުރަން ފެށީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

މިމަހުގެ 20ވަނަ ދުވަހު ޝީ ބިލްޑިންގުގައި ބޭއްވި ކައިވެނި ހަފްލާއިން މިހާތަނަށް 41 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ރޭ ބުނެފައިވެ އެވެ. މީގެ ތެރޭގައި ރިސްކު ބޮޑު މީހުން ވެސް ހިމެނޭކަމަށް އެ ސެންޓަރުން ބުންޏެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރިސްކު ބޮޑު ކެޓަގަރީގައި ހިމެނޭ 4 މީހަކު ހިމެނޭ ކަމަށެވެ. އަދި މިހާތަނަށް މި "ކްލަސްޓާ"އާ ގުޅުންހުރި 116 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާ އިތުރު ކޮންޓެކްޓުން ވެސް އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ މީހުންނާ ގުޅައި މީހުން އެކަހެރިކުރުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ. އަދި އެ ޙަފްލާއިން ޕޮޒިޓިވްވި މީހުންނާ ގުޅުންހުރި މީހެއް ނަމަ ވީހާވެސް އަވަހަކަށް އެކަން އެޗްޕީއޭއަށް ރިޕޯޓުކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

"އަޅުގަނޑުމެން ލުއިތައް ދެމުން މިދަނީ އެކަމަށް ވަރަށް ބޮޑަށް ބެލިގެން އެކުލަވާލާފައިވާ ގައިޑްލައިންތަކަކާއެކު. ހުރިހާ ފަރާތަކުން ވެސް ސަމާލުވާންވީ މިގައިޑްލައިންގައި ޢަމަލުކުރަން ހުރި ކަންކަމަށް ވީހާވެސް ބޮޑަށް ޢަމަލުކުރުމަށް. އޭރުން މިފަދަ ކަންކަން މަދުކުރެވޭނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެ ކައިވެނީގެ ހަފްލާގައި ގާތްގަނޑަކަށް 120 މީހަކު ބައިވެރިވެފައިވާކަމަށް އެޗްއީއޯސީން ބުންޏެވެ. އަދި ކޮވިޑް-19ގެ އަލާމަތްތައްހުރި މީހުން ވެސް މި ޕާޓީގައި ބައިވެރިވެފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ.

މި "ކްލަސްޓާ"ގެ ފުރަތަމަ ކޭސް ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 24ވަނަ ދުވަހު އެވެ.