90ގެ އަހަރުތަކުގައި މަޝްހޫރުވި ބޮލީވުޑް ތަރިންގެ ދައުރު ނިމި އެމީހުންގެ ދަރިން ފިލްމީ ދާއިރާއަށް ނުކުންނަން ވަނީ ފަށާފަ އެވެ. މިގޮތަށް ފިލްމީ ދާއިރާއަށް ނުކުންނަ "ސެލެބްރިޓީ ކިޑްސް"އަށް ގިނަ ބަޔަކު އިންތިޒާރު ވެސް ކުރެ އެވެ.

އެގޮތުން ފިލްމީ ދާއިރާއަށް ނުކުންނާނެ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ހުރި އެކަކީ ބޮލީވުޑްގެ އެކްޝަން ކޮމެޑީ ހީރޯ އަކްޝޭ ކުމާރުގެ ދަރިފުޅު އާރަވް އެވެ.

އެހެން ނަމަވެސް އާރަވްގެ ޝައުގުވެރިކަން ފިލްމީ ދާއިރާއަށް ނެތް ކަމަށާއި އޭނާގެ ދާއިރާއަކީ މުޅިން އެހެން ދާއިރާއެއް ކަމަށް ވަރަށް ފަހުން އަކްޝޭ ވަނީ ބުނެފަ އެވެ.

އާޖްތަކްއަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނީ އާރަވް ފިލްމު ކުޅެން ބޭނުން ނުވާ ކަމަށާއި އޭގެ ބަދަލުގައި އޭނާ ބޭނުންވަނީ ލަންޑަނުގެ ސްކޫލަކުން ފެޝަން ޑިޒައިނިން ކިޔަވަން ކަމަށެވެ.

އެހެން ނަމަވެސް މައިންބަފައިންގެ ނުފޫޒުން އެކަން ކުރަން އާރަވް ބޭނުން ނުވާ ކަމަށާއި އެހެން ކަމުން އަމިއްލަ މަސައްކަތުން އޭނާގެ ހުވަފެން ހަގީގަތަކަށް ހަދަން ގަދައަޅާ މަސައްކަތް ކުރާ ކަމަށް ވެސް އަކްޝޭ ބުންޏެވެ.

އާރަވްއަކީ އަކްޝޭއާއި ޓްވިންކަލް ޚަންނާއަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. އޭނާގެ މަންމައާއި ބައްޕައަކީ ވެސް 90ގެ އަހަރުތަކުގައި ގިނަ ބައެއްގެ މަޝްހޫރުކަން ހޯދި ދެފަންނާނުންނެވެ.

90ގެ ތަރިންގެ ތެރެއިން މިހާތަނަށް އެމީހުންގެ ދަރިން ފިލްމުތަކަށް ނުކުމެފައިވާ ތަރިންގެ ތެރޭގައި ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާންއާއި ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރުގެ އިތުރުން ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ ޕާންޑޭ ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ވެސް މިފަދަ ގިނަ ތަރިންތަކެއް ބޮލީވުޑަށް ނުކުންނަން ދަނީ ތައްޔާރު ވަމުންނެވެ.