ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ ގެއްލެމުންދާ މައްސަލައިގައި މިއަދު ކުރިޔަށްދިިޔަ އެސްއޯއީ ކޮމިޓީ ސިއްރުކޮށްފި އެވެ.

މި މައްސަލަ އަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ ޢަބްދުﷲ ރިޔާޒް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް (އެސްއޯއީ) ކޮމިޓީއަށް ހުށައެޅުއްވި މައްސަލައެކެވެ. އެސްއޯއީ ކޮމިޓީން ވަނީ މި މައްސަލައިގެ މައުލޫމާތު ހޯދަން ބީއެމްއެލް އާއި ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކްއާއި ކޮމިއުނިކޭޝަންސް އޮތޯރިޓީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްއާ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. ކޮމިޓީއަށް ހާޒިރުކުރި ފަރާތްތަކުގެ ތެރެއިން ބީއެމްއެލް ފިޔަވައި ދެން ތިބި ފަރާތްތަކުން ބޭނުންވީ ކޮމިޓީ ސިއްރުކުރުމަށެވެ. ނަ،މަވެސް ބީއެމްއެލްއިން ބުނީ ކޮމިޓީ ހުޅުވާލައިގެން ގެންދިއުމަށް އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.

ހާޒިރުވި ފަރާތްތަކުގެ ވާހަކަތަކަށް ރިއާޔަތްކޮށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވީ އިދާރާތަކުން ބައްދަލުވުން ސިއްރު ކުރަން އެދެތީ އާއި ވަކިވަކި މައްސަލަތަކަކާ ބެހޭ ގޮތުން ވާހަކަދައްކަން ޖެހޭތީ އެކަން ހައްސާސް ކ ކަމަކަށް ވެދާނެ ކަމަށާއި އެހެންކަމުން ރަނގަޅީ ކޮމިޓީ ސިއްރުކުރުން ކަމަށެވެ. މި ހުށައެޅުމަށް ދަނގެތީ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ތާއީދު ކުރެއްވި އެވެ.

ރިޔާޒް ހުށައެޅުއްވި މައްސަލައިގައިވަނީ ރައްޔިތުންގެ އެކައުންޓްތަކުން ފައިސާ ގެއްލުމުން ކަންބޮޑުވާ ކަމަށާއި ރައްޔިތުންގެ އެ ކަންބޮޑުވުންތަކަށް އަވަހަށް ނިމުމެއް ގެނައުމަށް އެކޮމިޓީން މި މައްސަލަ ބައްލަވައި މިކަމުގައި އެހީތެރިވެދެއްވުމަށެވެ.

ރިޔާޒް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ރަމަޟާން މަސް ބޯމަތިވެފައިވަނިކޮށް ރައްޔިތުންގެ އެތައް ބައެއްގެ އެކައުންޓުތަކުން ވީނުވީއެއް ނޭނގޭ ގޮތަށް ފައިސާ ގެއްލުމަކީ ދިރިއުޅުމުގެ ޒަރޫރީ ކަންކަން ހަމަޖެއްސުމުގައި އެފަރާތްތަކަށް ނުހަނު ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާން މަޖުބޫރު ކުރާނެ ހާލަތެއް ކަމަށް އެމްއެންޕީން ގަބޫލު ކުރާ ކަމަށެވެ. އެހެންކަމުން އެ ޝަކުވާތައް އަވަހަށް ބައްލަވާ، ފައިސާ ލިބެން ޖެހޭ ފަރާތްތަކަށް އެފައިސާ އަވަހަށް ލިބޭނެ އިންތިޒާމުތައް ސަރުކާރު މެދުވެރިކުރައްވައިގެން ހަމަޖެއްސުމަށް މަސައްކަތް ކޮށްދެއްވުމަށް މައްސަލައިގައި އެދިފައިވެ އެވެ.

އެސްއޯއީ ކޮމިޓީއަށް ބީއެމްއެލްއާއި ކަމާބެހޭ އިދާރާތަށް ހާޒިރުކުރީ، ބޭންކުގެ އިހުމާލުން ކަސްޓަމަރުންގެ އެކައުންޓުގައި ހުރި ފައިިސާތައް ގެއްލެމުންދާ ކަމަށް ބުނެ އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ބޭންކުން މިވާހަކަތައް ދޮގު ކުރެ އެވެ.