2023 ވަނަ އަހަރުގެ އޮސްކާ އެވޯޑް އޭގެ މިލްކުވެރިންނަށް ހުށައަޅައިދޭ ތަރިންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯން ހިމެނިއްޖެ އެވެ.

ދީޕިކާ އޭނާގެ ޓްވިޓާ މެދުވެރިކޮށް އެ ހަބަރު ހިއްސާ ކުރަމުން ބުނެފައިވަނީ އެއީ އޭނާއަށާއި މުޅި އިންޑިއާއަށް ވެސް ލިބޭ ފަހުރެއް ކަމަށެވެ.

މިއަހަރުގެ އޮސްކާގައި ތިން ކެޓަގަރީއަކުން އިންޑިއާގެ އުފެއްދުންތައް ނޮމިނޭޓް ވެފައިވެ އެވެ. އެއީ އޮރިޖިނަލް ސޯންގް ކެޓަގަރީއާއި ޑޮކިއުމެންޓަރީ ފީޗާ އަދި ޑޮކިއުމެންޓަރީ ޝޯޓް ކެޓަގަރީ އެވެ.

މީގެ ތެރެއިން ވެސް އޮރިޖިނަލް ސޯންގް ކެޓަގަރީގެ ތެރޭގައި ނޮމިނޭޓް ވެފައިވާ އެސްއެސް ރާޖާމޫލީީގެ "ނާތޫ ނާތޫ" ލަަވަ ފާހަގަ ކޮށްލަން ޖެހެ އެވެ.

ދީޕިކާގެ އިތުރުން އެވޯޑް ހުށައަޅައިދޭ ތަރިންގެ ތެރޭގައި އެމިލީ ބްލަންޓް، ސެމިއުލް ޖެކްސަން، ރިޒް އަހުމަދު އަދި ޑްވެއިން ޖޯންސަން ހިމެނެ އެވެ.

މިއަހަރު ބާއްވާ 95 ވަނަ އެކަޑަމީ އެވޯޑް ބާއްވަން ހަމަޖެހިފައިވަނީ މި ހިނގާ މާޗު މަހުގެ 12 ވަނަ ދުވަހު އެމެރިކާގެ ލޮސް އެންޖެލަސްގަ އެވެ.

ދީޕިކާ ވަނީ މީގެ ކުރިންވެސް އެކި މުނާސަބަތުތަކުގައި އިންޑިއާ ތަމްސީލުކޮށްދީފަ އެވެ. އެގޮތުން 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ަޕްގެ ތަށި ވެސް ދައްކާލާފައިވަނީ އޭނާ އެވެ.