މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. މި ލިޔުމުގައި މި ބަލާލަނީ މި ދުވަހާ ގުޅޭގޮތުން ފާހަގަކޮށްލެވޭ ކަންކަމާއި މިއަހަރުގެ އަންހެނުންގެ ދުވަހުގެ އަމާޒަށެވެ.

މަގްސަދަކީ ކޮބާ؟ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ 08 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއެގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ މަގުސަދަކީ މުޖުތަމައުގައި އަންހެނުންގެ ދައުރު ފާހަގަކޮށް އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި ކުރާ މަސައްކަތްތަކަށް ބާރު ދިނުމެވެ.

ތާރީޚަށް ނަޒަރެއް!ތާރީޚަށް ބަލާލާއިރު ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރެވިފައިވަނީ 1911 ވަނަ އަހަރު ޔޫރަޕްގެ ގައުމުތަކުގަ އެވެ. އޭގެ އަސްލު ގުޅިފައިވަނީ 20ވަނަ ގަރުނުގެ ކުރީކޮޅުގައި އެމެރިކާގެ ވަޒީފާތަކުގައި އަންހެނުންނަށް ކުރެވޭ ތަފާތު ކުރުން ތަކަށެވެ.

އެއަށްފަހު މި ދުވަސް ފާހަގަ ކުރުން މުޅި ދުނިޔެއަށް ފުޅާވި އެވެ. އަންހެނުންގެ ދުވަހަކީ ވަކި މުއައްސަސާއެއްގެ ދަށުން ފާހަގަކުރާ ދުވަހަކަށް ނުވިޔަސް މިކަމުގައި އިސްނަގައިގެން މަސައްކަތް ކުރަނީ އދ ންނެވެ.

މިއަހަރުގެ އަމާޒަކީ ކޮބާ؟ކޮންމެ އަހަރަކު ވެސް އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގައި އަންހެނުންގެ ތަރައްގީއާ ގުޅޭ އަމާޒެއް ކަނޑައަޅަ އެވެ. މި އަމާޒަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް އެ އަމާޒަކަށް މަސައްކަތް ކުރަން ޖެހޭ އަމާޒެކެވެ.

އެގޮތުން މިއަހަރުގެ އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ދެޖިންސުގެ ހަމަހަމަ ކަމަށްޓަކައި ޓެކްނޮލޮޖީ" އެވެ. އދގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފިރިހެނުންނާ ބަލާއިރު އިންޓަނެޓްގެ ޚިދުމަތް ލިބޭ އަންހެނުންގެ އަދަދު 259 މިލިއަން މަދެވެ.

ހަމައެއާއެކު ސައިންސްއާއި ޓެކްނޮލޮޖީ އަދި އިންޖީނިއަރިން ފަދަ ދާއިރާތަކުގައި ވެސް އަންހެނުންގެ ދައުރު ކުޑަކަން އެ ޖަމާއަތުން ފާހަގަ ކޮށްފައިވެ އެވެ.

މުހިއްމުވަނީ ކީއްވެ؟އަންހެނުންގެ ދުވަސް ފާހަގަ ކުރުން މުހިއްމުވަނީ ކީއްވެ ހެއްޔެވެ؟ އެ ދުވަހުގެ ތަފާތަކީ ކޮބާ ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. ހަރުދަނާ ޖީލެއް ބިނާކުރުމުގައި އަންހެންގެ ދައުރު ފާހަގަ ކުރަން ޖެހޭތީ އެވެ.

ގޭގައި ތިބެގެން ދަރިން ބެލިއަސް އޮފީހެއްގެ ބޮޑު ގޮނޑީގައި އިނދެގެން މުހިއްމު ނިންމުންތައް ނިންމިޔަސް އަންހެންނަކީ އެބަޔަކާނުލާ ދިރިއުޅުން ފުރިހަމަ ނުވާނެ ބައެކެވެ. ވީއިރު އެކަން ފާހަގަ ކުރުން މުހިއްމު ނުވާންވީ ސަބަބެއް ނެތެވެ.