އޮފީސް ވަޒީފާތަކަށް ބަލާއިރު އާދައިގެ މަގާމުތަކުގައި އެންމެ ގިނައީ އަންހެނުންނެވެ. ކޮންމެ ގައުމެއްގެ ކޮންމެ އޮފީހަކަށް ބަލާލިއަސް މޭޒު ކައިރީ އިނދެގެން އަދާކުރާ ވަޒީފާތަކުގައި ގިނައީ އަންހެނުންކަން އެނގޭނެ އެވެ.

ކަންމިހެން އޮތް ނަމަވެސް އޮފީސްތަކާއި ކުންފުނިތަކުގެ ނިންމުންތައް ނިންމާ ލެވެލް ނުވަތަ މެނޭޖްމަންޓް މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން ނިސްބަތުން މަދުކަން ފާހަގަކޮށްލެވެ އެވެ.

މީގެ ކުރިން ހަދާފައިވާ ދިރާސާތަކުން ވެސް މިކަމަށް ބާރުދެ އެވެ. ވަޒީފާގެ މާހައުލުގެ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން ކުޑަކަން ފާހަގަ ކުރަމުން މެނޭޖްމަންޓްގައި އަންހެނުން އުޅުމުގެ ފައިދާތަކަށް އެ ދިރާސާތަކުގައި އަލިއަޅުވާލާފައިވެ އެވެ.

އެގޮތުން ބަލާއިރު ކުންފުނީގެ ބޯޑުގައި އަންހެނުން ހިމެނުމަކީ އާ ޚިޔާލުތަކާއި ތަފާތު އީޖާދުތަކަށް މަގުފަހިވާނެ ކަމެކެވެ. ސަބަބަކަށް ވަނީ އަންހެނުންގެ ސިކުނޑިއަކީ އެފަދަ ޚިޔާލުތައް ފިރިހެނުންނަށްވުރެ ގިނައިން އުފައްދައިދޭ ހޯމޯންތައް އެކުލެވޭ ސިކުނޑިއަކަށް ވާތީ އެވެ.

މީގެ އިތުރުން މުޖުތަމައުގެ ބޭނުންތަކާއި ކަސްޓަމަރުންގެ ޑިމާންޑްތައް ނަގައިގަތުމުގައި އަންހެނުން މާ ކުރީގައި އުޅޭއިރު މީގެ ސަބަބުން ވިޔަފާރިއަށް ފައިދާ ކުރުވަނިވި ނިންމުންތައް ނިންމަން އަންހެނުންނަށް ފަސޭހަވެ އެވެ.

ހަމައެއާއެކު އަންހެނުންނަކީ އެކުގައި މަސައްކަތް ކުރުމާއި "ޓީމްވޯކް" ކުރުން ރަނގަޅު ބައެއް ކަމަށާއި މެނޭޖްމަންޓް މަގާމުތަކުގައި އަންހެނުން ތިބުމަކީ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ އެއްބާރުލުން މެނޭޖްމަންޓަށް މާ ބޮޑަށް ލިބޭ ކަމަށް ވެސް އެދިރާސާގައި ބުނެފައިވެ އެވެ.

ވިޔަފާރިވެރިންނަށް ބުނެލަން އޮތީ ތިޔަ ވިޔަފާރިވެރިންގެ މަތީ ނިންމުންތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަކީ ވިޔަފާރިއަށް ފައިދާ ކުރާނެ ކަމެއް ކަމެވެ.