ރައްޔިތުންގެ މަޖިލީހުގައި އަންހެން މެންބަރުން އިތުރުކުރުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން އަންހެނުންގެ ދުވަހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި އަންހެނުން ހިމެނިގެންދާނޭ ގޮތާ ގުޅޭ ގޮތުން މިއަދު ރާއްޖޭގެ ރައްޔިތުން ވިސްނާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަކީ ސިޔާސީ ޕާޓީތަކުގެ ޒިންމާއެއްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލްވުމުގައި ފަހި ގޮތެއް ހޯދައިދިނުމަކީ ކުރަން ޖެހޭ މަސައްކަތެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި 87 މެމްބަރުންގެ ތެރެއިން އަންހެން މެމްބަރުންގެ އަދަދަކީ 4 އެވެ.

އެއީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ އިތުރުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ.