ކުނި ބިލު ނުދައްކާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އަންނަ މަހުން ފެށިގެން ވެމްކޯގެ ކުނި ބިލު ކަރަންޓް ބިލުގައި ހިމެނުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ނިންމައިފި އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ބުނީ މާލެ ސަރަހައްދުގައި 53،000 އަށްވުރެ ގިނަ ގޭބިސީން ކުނި ނެގި ނަމަވެސް ގަވާއިދުން ފީ ދައްކަނީ އެންމެ 20،000 ގޭބީސީންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ކުނި ބިލު ނުދައްކާތީ މިކަމުގެ ސަބަބުން ކުންފުނީގެ ކޭޝްފްލޯ ދަތިވެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ ބައެއް އާލާތްތައް އެކަށީގެންވާ ގޮތެއްގައި މަރާމާތު ނުކުރެވި ބޭނުން ނުކުރެވޭ ހާލަތަށް އަންނަކަމަށެވެ.

"އެކަން ހައްލުކުރަން ކުރަންޖެހޭ ޚަރަދު އިތުރުވުމުގެ ސަބަބުން ގަވާއިދުން ކުނި ކަލެކްޓްކޮށް މެނޭޖްކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ،" އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކުނި މެނޭޖް ކުރުމުގެ ފީ އާންމު ހިދުމަތްތަކުން ނެގިދާނެ ކަމަށް ކުނި މެނޭޖް ކުރުމުގެ ގާނޫނުގައި ބުނެފައިވާތީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެގުމުގެ ފީ ކަރަންޓް ބިލުގައި ހިމަނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"އެގޮތަށް ހަމަޖެއްސިނަމަވެސް ކުނި ނެގުމުގެ ފީއަށް އެއްވެސް ބަދަލެއް ނުގެންނާނެ އަދި ކުނި ނެގުމަށް ވެމްކޯގެ ގޭބީސީތަކުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ. އެހެން ނަމަވެސް ގެތަކުން އުކާލާ ބޮޑެތި ކުނިތައް ނެގުން މީގެ ތެރެއަކު ނުހިމެނޭނެ،"

ވެމްކޯއިން ކުނި ނެގުމުގެ ޚިދުމަތް ދޭ ބައެއް އަގުތަކަށް ވަނީ ބަދަލުގެނެސްފަ އެވެ. އެގޮތުން ގޭބިސީތަކަށް މަހަކު 150 ރުފިޔާ ނަގާއިރު ވިޔަފާރިތަކާއި ކޮމާޝަލް ތަންތަނަން ލީޓަރަކަށް 27 ރުފިޔާއެވެ.

ކޯލް އެންޑް ޕިކަޕް ސާވިސްއަށް ޓަނަކަށް 330 ރުފިޔާ ނަގާއިރު ޓްރާންސްފާ ސްޓޭޝަނަށް ގެންނަ ކުންޏަށް ޓަނަކަށް ނަގަނީ 1060 ރުފިޔާއެވެ. ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ނަގަނީ ޓަނަކަށް 2660 ރުފިޔާ އެވެ. ވަކި ނުކޮށް ޓްރާންސްފާ ސްޓޭޝަނަށް ގެންނަ ކުންޏަށް ކޮންމެ ފަހަރަކު 1000 ރުފިޔާ ނަގަ އެވެ.