ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެއްބަފާ ބޭބެ، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރީ އޭރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެން އެމަނިކުފާނަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމައިފި އެވެ.

ދާދި ފަހުން "އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީން ވަނީ 2018 ގައި މައުމޫން ހައްޔަރު ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށާއި، މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އެކަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ފައިސާ ނަގައިގެން ކަމަށެވެ.

""މައުމޫން ޖަލަށް ލީ ކީއްވެގެންތޯ؟ ކިޔުއްވާ، ކިހިނެއްވެގެންތޯ މައުމޫން ޖަލަށް ލީ؟ ސުޕްރީމް ކޯޓު ފަނޑިޔާރުންނަށް ރިޝްވަތު ދިނީ ކޮންބައެއްތޯ؟ ފާރިޝް މައުމޫން އާއި މައުމޫން އާ ދެއްވީ، ޖާބިރު އަތުން ލާރި ނަގައިގެން، އެއީ ސުޕްރީމް ކޯޓުގެ 2018 ވަނަ އަހަރުގެ އަމުރު ނުކުތް ގޮތަކީ އެއީ،" ޔާމީން އިންޓަވިއުގައި ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރައީސް މައުމޫން ހައްޔަރު ކުރަންޖެހުނު ސަބަބަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުން ކަމަށް ވިދާޅުވެ ޔާމީން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ އެމަނިކުފާނުގެ ނަންފުޅު ކިލަނބު ކޮށްލުމުގެ ގޮތުން ދައްކަވާފައިވާ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެއް ކަމަށެވެ.

ފެބްރުއަރީ އެކެއް، 2018ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ، އެމަނިކުފާނާ އެއްވެސް ގުޅުން ހުރި ކަމެއް ނޫން ކަމަށާއި، ސުޕްރީމް ކޯޓުން އަމުރެއް ހޯދުމަށް ނުވަތަ އެނޫން ނިންމުމެއް ނިންމުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ އެއްވެސް އަމަލެއް ދުވަހަކުވެސް ކުރައްވާފައިނުވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ކަމުގައިވިޔަސް އަދި އޭގެ ކުރިން ކަމުގައިވިޔަސް އަދި އޭގެ ފަހުން ކަމުގައިވިޔަސް، ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް އަދި އެނޫންވެސް ދައުލަތުގެ ކަމަކާ ހަވާލުވެގެންހުރި އެއްވެސް ފަރާތަކަށް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ނުވަތަ އެހެން އެއްޗެއް ދުވަހަކުވެސް ދީފައެއްނުވާނެ،" ރައީސް މައުމޫންގެ އޮފީހުން ނެރުއްވި ބަޔާނުގައިވެ އެވެ.

މިއާއެކު ރައީސް މައުމޫން ވަނީ، ރައީސް ޔާމީން ދެއްކެވި ވާހަކައާ ގުޅިގެން ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން މައުމޫން ވިސްނަވަމުން ގެންދަވާކަމަށް ވިދާޅުވެފަ އެވެ.