"ދިވެހިންގެ އަތުގައި ޓީވީ އެއް ނުހުރެ އެވެ. އެ މީހުންނަކީ ބޭރު ދުނިޔޭގައި ހިނގާ ކަންކަމަށް އެއްވެސް ޝައުގެއް ހުންނަ ބައެއް ނޫނެވެ. އެމީހުން ނޫސް ކިޔައެއް ވެސް ނޫޅެ އެވެ." މިއީ ގްރީސްގެ ސެންޓޯރިނީ ޑްރެސް ކިޔާ ޕޮޓޯ ނަގާ ގްރޫޕަކުން ދިވެހި ރާއްޖެއާއި ދިވެހިންނާ މެދު ދުށް ގޮތެވެ. މި ވާހަކައަށް ފާޑުކިޔައި ދެކެވުނު ވާހަކަތަކާ ބެހޭ ގޮތުން ދިވެހި ނޫސްތަކުގައި ވެސް ވަނީ ލިޔެފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސެންޓޯރިނީ ޑްރެސްއިން އާންމުކުރި އެ ލިޔުން މިހާރު ވަނީ ފޮހެލައިފަ އެވެ. އެ މީހުން ބުނާ ގޮތުގައި އެއީ އެރި އޮޅުމެކެވެ.
ރާއްޖެއާ ބެހޭ ގޮތުން މިބާވަތުގެ ބޮޑެތި އޮޅުންތައް ބޭރުގެ ފަރާތްތަކަށް އަރާފައި ހުއްޓާ ދޭތެރެ ދޭތެރެއިން ފެނެ އެވެ. މީގެ ދެތިން އަހަރެއްހާ ދުވަސް ކުރިން ފެތުރިގެން ދިޔަ އެހެން ޚަބަރެއްގައި މިބާވަތުގެ އޮޅުމެއް އެރީ ދުނިޔޭގެ މަޝްހޫރު ލިޔުންތެރިއަކަށެވެ. އެ ލިޔުންތެރިޔާ ރާއްޖެއާ ބެހޭގޮތުން ލިޔުނު ފޮތުގައި ރާއްޖޭގައި ފޮތް ފިހާރައެއް ވެސް ލައިބްރަރީ އެއްވެސް ނުހުންނަ ކަމަށް ލިޔުނެވެ. ހަމަ އެފަދައިން ދިވެހިންގެ އަމިއްލަ ކެއުމެއް ނުހުންނަ ކަމަށް ވެސް ލިޔުނެވެ. އެ ފޮތް ވީ ދުނިޔޭގެ ބޮޑެތި އެވޯޑުތަކަށް ނޮމިނޭޓުވި މަޝްހޫރު ފޮތަކަށެވެ. ފޮތާ ބެހޭ މައުލޫމާތު އެނގުނު ހިސާބުން ދިވެހިން އެ މީހާ ފަހަތުން ޝަކުވާކުރަމުން ދިޔަ އެވެ. ނަމަވެސް އެރި އޮޅުމެއް އެއިރު އޮތީ އަރާ ނިމިފަ އެވެ.
މިބާވަތުގެ އޮޅުންތައް އަރަން ދިމާވާނެ ސަބަބުތަކެއް ހުންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ރާއްޖެއާ ބެހޭ ގޮތުން މައުލޫމާތު ހޯދަން އައި ދަތުރުވެރިޔާ ރާއްޖޭގެ ރަށަކަށް ނުވަތަ ދެތިން ރަށަށް ގޮސް ލައިބްރަރީ އާއި ފޮތް ފިހާރަ ހޯދައި ނުފެނި ހިނގައިދާނެ އެވެ. އެ ހިސާބުން ރާއްޖޭގައި ލައިބްރަރީއެއް، ފޮތް ފިހާރައެއް ނުހުންނަ ކަމުގައި އެ މީހާއަށް ހީވެދާނެ އެވެ. ހަމަ އެފަދައިން އޭނާ ކާން ދިޔަ އެއްވެސް ރެސްޓޯރެންޓެއްގެ މެނޫގައި ދިވެހި ކެއުން ހިމެނިފައި ނެތް ނަމަ ދިވެހިންނަކީ އަމިއްލަ ކެއުމެއް ގެންގުޅޭ ބައެއް ނޫން ކަމަަށް އެ މީހާއަށް ވިސްނުމުގެ ފުރުސަތު އޮވެދާނެ އެވެ. އެއީ އޮޅުންއަރާފާނެ ގޮތެކެވެ.
ރާއްޖޭގެ ރަށަކުން ފޮތް ފިހާރައެއް ނުފެނިގެން ފޮތް ފިހާރައާ މެދު ބޭރު މީހަކަށް އޮޅުމެއް އެރިގޮތަށް ރާއްޖޭގެ ގޭގޭގައި ޓީވީ ހުންނަކަމާމެދު އޮޅުން އަރާފާނެ ކަމަށް ބެލެވޭކަށްނެތެވެ. ސަބަބަކީ ރާއްޖޭގެ އެއްވެސް ރަށަކުން ޓީވީއެއް ނެތް ގެއެއް ހޯދުން އުނދަގޫ ވާނެތީ އެވެ. ގިނަ ގޭގޭގައި ދެތިން ޓީވީ ވެސް ހުންނާނެ އެވެ. ފަހަރެއްގައި މީހުންގެ ނިސްބަތުން އެންމެ ގިނަ ޓީވީ ހުންނަ ގައުމަކީ ރާއްޖެ ކަމަށް ވުމީ ވެސް ދުރުކަމެއް ނޫނެވެ. އެހެންކަމުން ޓީވީގެ މައްސަލައިގައި އޮޅުން އެރީ އެކަން ކޮންމެ ވެސް އެހެން ގޮތަކަށް މިނެކިރައިގެން ކަމަށް ވެދާނެ އެވެ.
ސެންޓޯރިނީ ޑްރެސްގެ އިންސްޓަގްރާމްއަށް ބަލާއިރު އެއީ ގާތްގަނޑަކަށް 20،000 މީހުން ފޮލޯކުރާ ޕޭޖެކެވެ. ދުނިޔޭގެ އެންމެ އަގު ބޮޑު ލަގްޒަރީ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ރިސޯޓެއްގައި ޓޫރިސްޓުންނަށް ޚާއްސަ ފޮޓޯތަކެއް ނަގައިދޭން އަންނަން ޖެހޭ ފަދަ ބައެއް ނޫނެވެ. އެހެންކަމުން އެ މީހުނަށް އެފަދަ ފުރުސަތެއް ލިބޭނީ ރާއްޖޭގައި އެފަދަކަމެއް ކުރެވޭވަރުގެ ކުޅަދާނަ ބަޔަކު ނެތުމުން ކަމަށް އެ މީހުންނަށް ހީވުމަކީ ވަރަށް ކައިރީގައި އޮންނާނެ ކަމެކެވެ. ހަމަ އެފަދައިން އެ މީހުންނަށް ފެންނަން އޮންނާނެ އަނެއް ހަގީގަތަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންނަށް ބޮޑު އަގުގައި ވިއްކަމުން ގެންދަނީ ބޭރު މީހުން ކަމެވެ. އެ ވިޔަފާރިން ދިވެހިންނަށް ލިބޭ މާ ބޮޑު އެއްޗެއް ނެތް ކަމެވެ. އެފަދަ އަގުބޮޑު ވިޔަފާރިއެއް ދިވެހިންގެ މާހައުލު ވިއްކައިގެން ބޭރު މީހުންކޮށް، ނަފާ ހޯދަމުންދާއިރު ދިވެހިން އެ ރިސޯޓުތައް ކުނި ކަހާލަން ގޮސްފައި ރަށަށް ދާ މަންޒަރު ފެނުމުން އެ މީހުންނަކީ ވަށައިގެން ހިނގާ ކަންކަމާ މެދު ނުވިސްނާ ބައެއްކަމަށް ހީކުރެވުމުގެ ފުރުސަތު އޮންނާނެ އެވެ.
ސެންޓޯރިނީ ޑްރެސްގެ ހިންގުންތެރިންނަށް ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކާއި އެތަންތަން ހިންގާ ބޭރު މީހުންނާއި އެ ރަށްރަށް ކުނި ކަހަންދާ ދިވެހިން ފެނުނުއިރު އެ މީހުންނަށް ނުފެންނަ ބައެއް ކަންކަން ރަނގަޅަށް އެނގުނު ނަމަ އިންސްޓަގްރާމްގައި އެ ލިޔުނު ބަޔާން އަދި މުޅިން އެހެން ގޮތަކަށް ލިޔުނީސް ކަން ކަށަވަރެވެ.
ދިވެހިންގެ އަތުގައި ޓީވީ ނުހުންނަ ކަމަށް ލިޔުނު ލިޔުމާ ބެހޭ ޚަބަރު ލިޔުނު ނޫހުގައި އޮތް އެފަދަ އަނެއް ޚަބަރަކީ ފްލޯޓިން ސިޓީއެއް ނެހެދި، އެކަމަށް ދިން ފަޅުތައް ވިއްކާލި ވާހަކަ އެވެ. ފްލޯޓިން ސިޓިއަކީ 2008 ވަނަ އަހަރުއް ސުރެ ދިވެހި ސަރުކާރާއި ޑެންމާކުގެ ޑަޗްޑޮކްލެންޑް ކިޔާ ކުންފުންޏަކާ ގުޅިގެން ބިނާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަނޑުމަތީގެ ގެތަކެކެވެ. އެކަމަށްޓަކައި ޑެންމާކުގެ ކުންފުންޏަށް ދިވެހި ސަރުކާރުން ވަނީ މާލެ އަތޮޅުން އެތައް ފަޅެއް ދީފަ އެވެ. މި މަޝްރޫއާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުން މައުލޫމާތު ހޯދަން އެދުމުން ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވި މިނިސްޓަރު ވިދާޅުވީ އެ ފަޅުތައް ދިވެހި ސަރުކާރަށް އެނގުމެއް ވެސް ނެތި ވިއްކާފައިވާ ކަމަށެވެ. ފްލޯޓިން ސިޓީގެ މަސައްކަތް ހިނގަމުންދާ ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް އެ ބޭފުޅާއަށް އެނގިވަޑައެއް ނުގެންނެވި އެވެ.
ދުނިޔޭގެ ބިލިޔަނަރުންގެ ހިތް އުފާކުރުމަށް އެންމެ ފެންވަރު މަތީ ރިސޯޓު ހަދަންކަމުދާ ފަދަ އެފަޅުތައް ވިއްކާލި އަގު ކަމަށް އެނގިފައި ވަނީ މާލޭގެ ކަންމަތީ ފިހާރައެއް ވެސް ގަންނަން ނުލިބޭ ފަދަ ހެޔޮ އަގުތަކެއްގަ އެވެ. ފްލޯޓިން ސިޓީގެ ހުވަފެން ދައްކައިގެން ދިވެހި ރާއްޖެއިން އެތައް ފަޅެއް ހޯދުމަށްފަހު ނުއަގުގައި މިލްކުވެރިކަން ބަދަލުކުރިއިރު ދިވެހި ސަރުކާރަށް ކުރެވުނު ކަމެއް ނެތެވެ. ދިވެހިން އެ ވާހަކަ ދައްކަން ފެށުމުން ބަނޑެއްގެ މަތީގައި ފިލައިން ގެއެއް އަޅައިފައި ހުޅުމާލޭ ފަޅުތެރޭގައި ވަނީ ބާއްވާފަ އެވެ.
މި މަންޒަރު ދުރުން ފެންނަ މީހާއަށް ދިވެހިންގެ އަތުގައި ޓީވީ ހުރޭތޯ އާއި އެ މީހުން ނޫސް ކިޔާތޯއާއި ބޭރު ދުނިޔޭގައި ހިނގާ ކަންތަކާ މެދު ވިސްނާތޯ ސުވާލު އުފެދިދާނެ އެވެ.
ދެން އޮތީ އެފަދަ އެހެން ވާހަކައެކެވެ. ފޯނަށް ފޮނުވާ ލިންކަކުން ފޯނު ހެކް ކޮށްގެން ނުވަތަ އެނޫން ވެސް ގޮތަކަށް އޮޅުވައިލައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހުންނަ ދިވެހިންގެ ފައިސާ ކޮޅުން ބަޔަކު ވައްކަންކުރާ ވާހަކަ މިހާރަކަށް އައިސް ވަރަށް އާންމެވެ. އެ ވާހަކައާ ގުޅިގެން ބޭންކުގެ ޖަވާބަކީ ކަސްޓަމަރުން އިތުރަށް ހޭލުންތެރި ވާން ޖެހޭ ކަމަށެވެ. ހަމަ މިފަދަ ލިންކެއް ރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯގެ އިސް ވެރިއެއްގެ ފަތާރުން ރާއްޖޭގެ ހެލްތު މިނިސްޓަރަށް ލިބި ވަޑައިގެންނެވި އެވެ. އެފަދަ ލިންކެއްގެ ޒަރީއާއިން ސަރުކާރުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ގެއްލުނު ވާހަކަ ވެސް މިވަނީ ތާރީޚީ ފިލާވަޅެއްގެ ގޮތުގައި ނޫސްތަކުގައި ލިޔެވި ނިމިފަ އެވެ. ވެންޓިލޭޓަރުތަކެއް ފޮނުވައިދޭނެ ކަމަށް ބުނެ އެ ފައިސާ ދަމައިގަތް ދުބާއީގެ ކުންފުންޏާ ދޭތެރޭގައި ދިވެހި ސަރުކާރުން ކުރެވޭނެ ކަމެއް ވެސް އޮތް ކަމަކަށް ނުފެނެ އެވެ.
މިފަދަ ކަންތައް ހިނގާތަން ފެންނަ ބޭރުގެ މީހުންނަށް ދިވެހިންގެ އަތުގައި ޓީވީ ހުރޭތޯއާއި ބޭރު ދުނިޔޭގެ ކަންތަކާމެދު ސަމާލުކަން ދޭތޯ އާއި ނޫސް ކިޔުމަށް ޝައުގުވެރިކަން ހުރޭތޯ ސުވާލު އުފެދިދާނެ އެވެ. އެ މީހުންނަށް ނޭނގި އޮންނާނެ ކަމަކީ ދިވެހިންގެ އާންމު ފެންވަރާ އެ މީހުންގެ ސަރުކާރުގެ ފެންވަރާ ތަފާތު ކަމެވެ.