ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަހުގެ ވިޔަފާރިކުރާ މަޝްހޫރު އެންސިސް ކުންފުނިން ހުޅުމާލޭގައި ހަދަން ފެށި "އައިރާ" އެޕާޓްމަންޓްތައް ގާތްގަނޑަކަށް ހަތް އަހަރު ފަހުން ހަވާލުކުރަން ފަށައިފި އެވެ.

ޒަމާނީ ގޮތަކަށް ފަރުމާކޮށްފައިވާ 94 އެޕާޓްމަންޓް ހިމެނޭ ރެސިޑެންޝަލް ބިލްޑިން ލޯންޗްކުރީ ޑިސެމްބަރު 2016 ގަ އެވެ. މިއީ ހުޅުމާލޭގައި މިހާތަނަށް އެންމެ ލަހުން ނިމުނު އެއް ހައުސިން ޕްރޮޖެކްޓެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެއެންސިސް ވެސް ހިމެނޭ ގޮތަށް 2016 ވަނަ އަހަރުގެ ތެރޭގައި ހަވާލުކުރި ތަންތަނުގެ ތެރޭގައި ހިމެނޭ ރެއިންބޯ (އޯޝަން ފްރަންޓް، ރެއިން ކްރެސްޓް)، ދަމާސް (ވަން އެވެނިއު)، ބެޗް ކޮންސްޓްރަކްޝަން (މެރީނާ ވިއު) އަދި އެޕޯލޯ ހޮލްޑިން (އެޕޯލޯ ޓަވާސް) އާއި އިންޑިއާގެ ރެނާޓަސް (ރެނާޓަސް އިތާމުތް)، މުނި އެންޓަޕްރައިސަސްގެ (ފިޓްރޯން) ގެ މަސައްކަތް ވެސް ނިމި، އެ ބިލްޑިންގްތަކުގައި މީގެ އަހަރުތަކެއް ކުރިން މީހުން ދިރިއުޅެން ވަނީ ފަށައިފަ އެވެ.

ހުޅުމާލޭ ވޯޓާ ފްރަންޓުގައި، ފެރީ ޓާމިނަލުން ހިނގާލާފައި ފަސްވަރަކަށް މިނިޓުން ދެވޭ ހިސާބުގައި ހަދަން ފެށި މި ކޮމްޕްލެކްސްގައި 94 އެޕާޓްމަންޓް ހުރެ އެވެ. އެއީ ތިން ކޮޓަރީގެ 45 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 26 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 13 އެޕާޓްމަންޓުގެ އިތުރުން، 10 ޕެންޓްހައުސް އެވެ. އޭގެ ތެރޭން، ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގައި މެއިޑް ރޫމެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ކުޑަ ކޮޓަރިއެއް ވެސް ހުރެ އެވެ.

އެންސިސް އިން ހުޅުމާލޭގައި ހެދި "އައިރާ" ރެސިޑެންސްގެ އެޕާޓްމަންޓެއް ގަތް މީހަކަށް މިއަދު ތަޅުދަނޑި ހަވާލުކުރަނީ.މިތަން ނިންމައި ހަވާލުކުރަން ފެށުނީ ގާތްގަނޑަކަށް ހަތް އަހަރުން. ފޮޓޯ: އެޗްޑީސީ

މިއީ އެންސިސް އިން ހުޅުމާލޭގައި ތަރައްގީ ކުރި ދެވަނަ އެޕާޓްމަންޓް ކޮމްޕްލެކްސެވެ. މީގެ ކުރިން ވަނީ "ސައިމާ ރެސިޑެންސް"ގެ ނަމުގައި 10 އެޕާޓްމަންޓް ހިމެނޭ ތަނެއް ހަދައިފަ އެވެ.

އެންސިސް އިން ހަދަން ފެށި އެޕާޓްމަންޓްތަކުގެ މަސައްކަތް ނުނިމި ދިގުލައި، އެތަނުން އެޕާޓްމަންޓް ގަތް މީހުން ޝަކުވާކުރަން ފެށުމުން އެ ކުންފުނިން އެތަން ނިންމައި ހަވާލުކުރާނެ ކަމަށް ބުނެ އެކި މުއްދަތުތައް ދީފައިވެ އެވެ. އަދި ބައެއް މައްސަލަތައް ކޯޓާ ހިސާބަށް ވެސް ގެންދިޔަ އެވެ.

އެތަނުގެ މަސައްކަތް ގާތްގަނޑަކަށް ހަ އަހަރު ދުވަހުން ނިންމައި، މިއަދު ވަނީ އެތަނުގެ ދެ ޓަވަރުގެ ތެރެއިން އެއް ޓަވަރުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފަ އެވެ.

އެތަނުން އެޕާޓްމަންޓް ގަތް މީހަކު މިއަދު ބުނީ އައިރާގެ ތަޅުދަނޑި ހަވާލުކުރަން ފެށި ނަމަވެސް އެންމެނަށް ތަޅުދަނޑި ހަވާލުކޮށް ނިމޭނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ. އެއީ އަދިވެސް ބައެއް އެޕާޓްމަންޓްތަކުގެ މަސައްކަތް މުޅިން ނުނިމޭތީ ކަމަށް ވެސް އޭނާ ބުންޏެވެ.

ހުޅުމާލޭގައި ހަދާ ކޭޕާކް ރެސިޑެންސް އާއި ޖާހުގެ "ދަ ގާޑަން"، ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އަޔެންކާ ހޯލްޑިން އާއި އެންޕީއެޗް ގުޅިގެން ހަދާ އަކުއާވީޓާ ގެ މަސައްކަތް ނުނިމި ދިގުލައިގެންދާތީ ވެސް ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ. އެތަންތަނަކީ ވެސް 2015-2016 އަހަރާ ދެމެދު ހަދަން ހަވާލުކުރި ތަންތަނެވެ.