ގދ. ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓު މިރޭ ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް އާއި މިނިސްޓަ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާގެ އިތުރުން ދައުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ މި ވައިގެ ބަނދަރުން މި ސަރަހައްދުގެ ރައްޔިތުންނަށް ލިބޭނީ ހަމައެކަނި ދަތުރުފަތުރުގެ ލުއިފަސޭހަކަން އެކަނި ނޫންކަމަށާ އިގްތިސާދީ އެތައް މަންފާއެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ރަށްތަކަށް އިޖްތިމާއީ ހަމަޖެހުން އަންނާނެ ކަމަށާ މިހާރުވެސް މި ރަށުގެ ޒުވާނުން އެއަރޕޯޓްގައި އަދާކުރާ ވަޒީފާތަކާއެކު، އިޤްތިސާދީ އެތައް މަންފާއެއް ލިބެމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ވައިގެ ބަނދަރާއި މިތަނާ އެކުގައި ދެން ގާއިމުކުރި އެހެން ވަސީލަތްތަކުގެ ސަބަބުން އުފެދިގެން އެދިޔައީ، ކުރިން ނެތް އެތައް ވަޒީފާއެއްކަން ރައީސް ފާހަގަކުރެއްވި އެވެ

މި އުންމީދު ހާސިލުވުމާއެކު، ކުރިއަށް އޮތީ އަދި މާ ފަހި ދުވަސްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. މި ރަށާއި ކައިރި ރަށްތަކާ ދެމެދު ލޯންޗު ދަތުރުތައް އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށާ މިކަމުގެ ސަބަބުން ދެން އެންމެ އަވަހަށް ފުޅަވެގެންދާނީ ޓެކްސީގެ ޚިދުމަތާއި ހޮޓާ ރެސްޓޯރަންޓުގެ ވިޔަފާރިއާއި، އެނޫން ވިޔަފާރިތަކަށް ވެސް ހުޅުވުނު ވަރަށް ތަނަވަސް ދޮރެއް ކަމަށެވެ. އަދި ނުސީދާ ގޮތެއްގައި އުފެދޭ އިގްތިސާދީ ހަރަކާތްތަކާއި އިތުރު ވަޒީފާތަކާއި، އާމްދަނީ ހޯދޭނެ އިތުރު މަގުތައް ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ހަދާފައިވަނީ އެރަށު ފަޅުތެރޭގައި އެރަށާ ވަކިން އޮތް ރަށްތަކެއް ހިއްކައިގެންނެވެ.

ފަރެސްމާތޮޑާއާއި އެރަށްތައް ގުޅުވާލުމަށް ހަމަޖެހިފައި ވަނީ ކޯޒްވޭއަކުންނެވެ. ކޯޒްވޭގެ މަސައްކަތް އަދި ނުނިމޭތީވެ، ވަގުތީގޮތުން ބޭނުންކުރާނެ މަގެއް ހެދުމުގެ އެމްޓީސީސީ އިން ދަނީ ކުރަމުންނެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ މިސަރުކާރުން ތަރައްގީކޮށް ހުޅުވާ ދެވަނަ އެއާޕޯޓެވެ. މިއީ އެތެރެގޭ އުދުހުންތަކަށް ޚާއްސަ އެއާޕޯޓެކެވެ. މި އެއާޕޯޓަކީ ރޭގަނޑު ވެސް ފްލައިޓް ޖެއްސޭ ގޮތަށް، ނެވިގޭޝަން ލައިޓްތަކާއެކު ތަރައްގީކުރި އެއާޕޯޓެކެވެ.