މީގެ އަހަރުތަކެއް ކުރިން ބަންޑުން ޖަހާލައިވާ އިރާގުގެ އޭރުގެ ރައީސް ސައްދާމު ހުސައިންގެ ޔޮޓެއް މިއަދު ބޭނުން ކުރަމުން އަންނަނީ އެގައުމުގެ މަސްވެރިންނެވެ.
ހުޅަނގު އިރާގުގެ ކޯރެއްގައި އަޅާނުލައި އޮވެ ދަބަރަށް ވަމުން އަންނަ އެ ޔޮޓަކީ އެ ސަރަހައްދަށް މަހަށް ނުކުންނަ މަސްވެރިން ސައި ކޮފީ ބޯން މަޑުކުރާ ޖަގަހަ އަކަށް ވަނީ ވެފަ އެވެ.
ސައްދާމުގެ މުދަލާއި ބާރުގެ ނިޝާނެއްގެ ބަލައިގަނެވުނު 121 މީޓަރު ދިގު އެ ޔޮޓު އަޅާފައިވަނީ 1980 ވަނަ އަހަރު އެވެ. 200 މީހުންގެ ޖާގައިގެ އެޔޮޓަކީ ސައްދާމުގެ ތިން ޔޮޓުގެ ތެރެއިން އެއް ޔޮޓެވެ. އޭނާގެ އިތުރު ޔޮޓެއް މިހާރު ވަނީ އިރާގުގެ ބަސްރާގައި ހޮޓަލަކަށް ހަދާފައި ކަމަށް ހަބަރުތައް ބުނެ އެވެ.
މަސްވެރިންގެ އިތުރުން ވެސް އެ ސަރަހައްދަށް ޒިއާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް މިއީ މަގުބޫލު މަންޒިލެކެވެ. އިރާގުގެ ތާރީހު ދައްކުވައިދޭ އެއް މަންޒަރެވެ.
މީގެ ވިއްސަކަށް އަހަރު ކުރިއަށް ބަލާލާއިރު އެޔޮޓާ ކައިރިވުމަކީ ވެސް އިރާގުގެ ރައްޔިތަކަށް ކެރޭވަރުގެ ކަމެއް ނޫނެވެ. އެހެން ނަމަވެސް މިއަދު އެ ޔޮޓަށް އަރައި ކައިބޮއި އުޅުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށް އެ ޔޮޓު ބޭނުންކުރާ މަސްވެރިން ބުނެ އެވެ.
2003 ވަނަ އަހަރު އެމެރިކާއިން އިރާގަށް އަރައި ކުރިއަށް ގެންދިޔަ ހަނގުރާމައިގެ ތެރެއިން އެމެރިކާއިން ދިން ހަމަލާއެއް އަމާޒުވެ އެ ޔޮޓު ބަންޑުން ޖަހާލި އެވެ. ސައްދާމުގެ ވެރިކަމަށްފަހު އެ ޔޮޓަށް މާބޮޑު އަޅާލުމެއް ދެވިފައެއް ނުވެ އެވެ.
ހެލިޕެޑަކާއެކު ފަރުމާކޮށްފައިވާ އެ ޔޮޓުގެ ގިނަ މުދާތަކެއް ވަނީ ވަގަށް ނަގައި އެކިގޮތްގޮތުން ގެއްލިފަ އެވެ. މިހާރު ފެންނަން އޮތީ ޔޮޓުގެ މައި އޮނިގަނޑު އެކަންޏެވެ.
އެއީ އިރާގުގެ ތާރީހުގެ ބައެއް ކަމަށް ބުނެ އެތަން ރައްކާތެރިކުރަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރިނަމަވެސް ފަހުން އައި އެއްވެސް ސަރުކާރަކުން އެކަމަށް އަޅާލާފައެއް ނުވެ އެވެ. އެހެން އެޔޮޓު އޮވެ ފަނާވަމުން ދަނީ އެވެ.