މި ސަރުކާރުން މިދިޔަ ހަތަރު އަހަރު ތެރޭގައި އެއްވެސް ކުޅިވަރެއް ބާކީނުކޮށް ހުރިހާ ކުޅިވަރަކަށް ހަމަހަމައަށް ހިދުމަތް ކުރެވުނު ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ މިރޭ ކުޅިވަރު އެކުވެނީގެ ޓްރެކް ދަނޑުގައި ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި މަހުލޫފް ވިދާޅުވީ މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކުޅިވަރަށް މި ސަރުކަރުން ކުރީ ފަހުރުވެރިވާފަދަ މަސައްކަތެއް ކަމަށެވެ. މިދިޔަ ހަތަރު އަހަރަކީ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ހަމަހަމަކަމާއެކު ކުޅިވަރަށް ހިދުމަތްކުރެވުނު ހަތަރު އަހަރު ކަމަށް މަހްލޫފް ވިދާޅުވި އެވެ.
މިދިޔަ އަހަރު އެކަނިވެސް ކުޅިވަރަށް ގިނަ ކަންކްނަ ކޮށްދެވުނު ކަމަށް މަހުލޫފް ވިދާޅުވި އެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް ބައިނަލްއަގްވާމީ ނުވަ މުބާރާތް ރާއްޖޭގައި ބޭއްވި ކަމަށާ ކުޅިވަރުގެ އިންފްރާސްޓަކްޗާއަށް އެކަނި ބެލިކަމުގައި ވިޔަސް މި ސަރުކާރުން ގިނަކަންކަން ކޮށްދީފައިވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް މިހެން ވިދާޅުވި އިރު ހުކުރު ދުވަހުގެ ރޭ ބޭއްވި ސްޕޯޓްސް އެވޯޑުގައި ފުޓްސަލް ކުޅުންތެރިން ހިމެނިފައި ނުވާތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑކިޔަމުންނެވެ.
މަހުލޫފް އިތުރަށް ވިދާޅުވީ ބައެއް ކުޅިވަރުތައް މި އެވޯޑްގައި ނުހިމެނެނީ އެ ކުޅިވަރެއްގެ ގައުމީ މުބާރާތް ނުބާއްވާތީ ކަމަށެވެ. އެހެންވީމާ އެ ކުޅިވަރުތަކުގެ ބެލެނިވެރި ފަރާތްތަކުން އެ ކުޅިވަރުގެ ގައުމީ މުބާރާތްތައް ބޭއްވުމަށް މަހުލޫފް ވިދާޅުވި އެވެ.