ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރުން 2022 ވަނަ އަހަރު ކަނޑައެޅުއްވި ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭންގެ ދަށުން އެކި ދާއިރާތަކުގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމާއި، ޖިންސަށް ބިނާކޮށް ދައުރު ކަނޑައެޅުމުގެ އާދަ ބަދަލުކުރުމަށް މަސައްކަތް ރޭވުމާއި، މުއައްސަސާތަކުގެ ފެންވަރުގައި ސިޔާސަތުތައް ކަނޑައަޅާއިރު، އަންހެނުންނާއި ފިރިހެނުންގެ މަސްލަހަތަށް ވެސް ހަމަހަމަ ގޮތެއްގައި ރިއާޔަތްކޮށްގެން ސިޔާސަތުތައް ކަނޑައެޅުން ހިމެނޭ ކަމަށެވެ.

ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކަކީ މިންތީގެ ހަމަހަމަކަމަށް ރިއާޔަތްކުރެވިފައިވާ މަސައްކަތްތަކަކަށް ހެދުމަށްޓަކައި މިންގަނޑުތަކެއް ކަނޑައަޅާފައިވާ އިދާރާތަކެއްކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި މިއަދުން ފެށިގެން ސަރުކާރުގެ ހުރިހާ އިދާރާތަކުން ވެސް މި މޮޑެލްއާ އެއްގޮތަށް މަސައްކަތްތައް ރާވައި، ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ރައީސް ގޮވާލެއްވި އެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 2023 ވަނަ އަހަރު ރެހެންދި އެވޯޑު ހާސިލްކުރި ފަރާތްތަކަށް މި އެވޯޑު ހަވާލުކޮށްދެއްވާފަ އެވެ. އަދި 2023 ވަނަ އަހަރު ރެހެންދި އެވޯޑު ހާސިލްކުރި ފަރާތްތަކަށް ބްރޫޗް ހަވާލުކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.