އިނގިރޭސި ވިލާތުން މިމަހުގެ ތެރޭގައި ފުރަތަމަ ފެނުނު ކޮވިޑް- 19ގެ އާވައްތަރު ރާއްޖެއަށް އައުމުގެ ފުރުސަތު ބޮޑު ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފި އެވެ.

އާވޭރިއަންޓާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރޭ ވިދާޅުވީ އިނގިރޭސިވިލާތުން ފެނުނު އާ ވައްތަރު މިހާތަނަށް ދުނިޔޭގެ 21 ގައުމަކުން ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ގިނައީ އިނގިރޭސިވިލާތަށް ދަތުރުކުރި މީހުން ހިމެނޭ ގައުމުތައް ނަމަވެސް، އެއްވެސް ދަތުރަކާ ގުޅުމެއް ނެތް އެމެރިކާ މީހަކު ވެސް އާ ވޭރިއަންޓަށް އިއްޔެ ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ވޭރިއަންޓް އަސްލު އައުމުގެ ފުރުސަތު ވަރަށް ބޮޑު ރާއްޖެއަށް. ހަމައެކަނި ޔޫކޭ މީހުންގެ ފަރާތަކުން ނޫން. އެއީ މިހާރުވެސް 21 ގައުމުން ފެނިފައިވަނީ. ސީކުއެންސިންއަކީ ޓެސްޓް ހެދީމަ އެނގޭނީ އޭތި އުޅޭތޯ ނުވަތަ ނޫންތޯ. ދެން މި ވޭރިއެންޓުން އިތުރަށް ސީރިއަސްވާ ކަމަކަށް ނުފެނޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއާ އެންމެ ގާތުން އިންޑިއާ އާއި ޕާކިސްތާނާއި ސިންގަޕޫރު ފަދަ ގައުމުތަކުން އާ ވޭރިއަންޓް ފެނިފައިވާ ކަމަށެވެ. އަދި މިބައްޔާ ގުޅޭގޮތުން ޓެސްޓްތަކާއި އިތުރުކަންކަން ބެލިވަރަކުން އިތުރު ތަންތަނުން ފެނުމުގެ ފުރުސަތު އޮތްކަން ޑރ. ނަޒްލާ ވިދާޅުވި އެވެ.

"މިހާރު އިނގިރޭސިވިލާތަށް ބަލާއިރު އެތަނުގެ ހޮސްޕިޓަލްތައްވަނީ ފުރިފައި. އަސްލު މާލެއަކީ ވަރަށް ތޮއްޖެހިފައި އޮންނަ ތަނެއް. މިތަނަށް ހަމައެކަނި ޔޫކޭއަކުން ނޫން، އެކިތަންތަނުން ދަތުރުކޮށްފައި މީހުން އެބައާދޭ. ޔޫކޭއިން އަންނަ މީހުން މިވަގުތު ކަރަންޓީންކުރާ ގޮތަށް އޮތީ. ނަމަވެސް އެހެން ގައުމުތަކުން އަންނަ މީހުން ވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ދިހަ ދުވަސްދެން މާސްކް އަޅައިގެން އުޅުމަށާއި، ގޭތެރޭގައި ހައިރިސްކް މީހުން އުޅޭނަމަ ގައިދުރުކަން ބަހައްޓައިގެން އުޅެން. އަދި އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޓެސްޓްކުރުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ދަރިވަރުންނަށް ސްކޫލަށް ނުދެވި ގިނ ދުވަސްތަކެއް ފާއިތުވުމަށްފަހު އަލުން ސްކޫލްތައް ހުޅުވެން ގަތްވެފައިވާ މިދުވަސްވަރު އެފަދަ އައުޓް ބެރޭކަކަށް ގޮސްފިނަމަ އޭގެ ސަބަބުން ދަރިވަރުންގެ ތައުލީމާއި އެކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރުކުރާނެ ކަމަށެވެ.

"ސްކޫލަކީ ހަމައެކަނި ތައުލީމެއް ނޫން. މިހާރު، ސްކޫލަށް ދިއުމުން ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކޮށްދޭ. އަދި ސްކޫލަށް ނުދިއުމުން ދިމާވާ އިޖްތިމާއީ ބައިވަރުކަންކަން ހުރޭ،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑްގެ އާބާވަތުގެ ސަބަބުން ބަލީގައި އިތުރަށް ސީރިއަސްވާ ކަމަށް ބެލެވިފައިނުވި ނަމަވެސް ބަލި މީހުން އިތުރުމުންދާ ވަރަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. އަދި އެކަމަށް ޚާއްސަ ސަމާލުކަމެއްދީގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑާ ގުޅިގެން ކެންސަރު ފަދަ ބަލިތައް ދެނެގަނެވޭ މިންވަރު ވެސް މަދުވެފައިވާ ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ޑޮކްޓަރަށް ދެއްކުން ލަސްވުމުގެ ސަބަބުން އެފަދަ ބަލިތަކުގައި ބޮޑުވަރުވާ މީހުން ފާހަގަވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިނގިރޭސިވިލާތުން އަލަށް ފެނިގެން އުޅޭ ކޮވިޑްގެ އާ ވައްތަރާއި ގުޅިގެން ރިސްކް އެސެސްމަންޓެއް ވަނީ ހަދާފައެވެ. އަދި ރާއްޖެއިން ބައެއް ސާމްޕަލްތައް ބޭރަށް ފޮނުވާ ޖީންސް ސީކުއެންސީން ވަނީ ހަދާފައެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ހޯދާ ބައެއް ގައުމުތަކުގައި ވެކްސިން ޖަހަމުންދާއިރު ރާއްޖެއަށް ވެކްސިން ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ވެކްސިން ގެނައުމަށްފަހު އެންމެ ފުރަތަމަ ވެކްސިން ދޭނީ ހެލްތް ކެއާ ވޯކަރުންނަށެވެ. އޭގެ ފަހުން ހައިރިސްކު މީހުންނަށާއި އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ވަނީ ނިންމާފަ އެވެ. ސަރުކާރުން ބުނީ ހުރިހާ ދިވެހިންނާއި ރާއްޖޭގައި އުޅޭ އެންމެނަށް ހިލޭ ވެކްސިން ދޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. ނަމަވެސް އެ އެޖެންސީން ބުނީ މުޅި އާބާދީއަށް ވެކްސިން ނުދޭނެ ކަމަށެވެ.