ރާއްޖޭގެ ހޮޓަލް އިންޑަސްޓްރީގެ އެންމެ ފުރަތަމަ ގްރީން ލޯން ސިންގަޕޫރުގެ ލަގްޒަރީ ޕްރޮޕަޓީ ޑިވެލޮޕަރު ޕޮންޓިއެކް ލޭންޑް ޕްރައިވެޓް ލިމިޓެޑަށް ލިބިއްޖެ އެވެ.
މާލެ ކައިރީގައި އެއް ފަޅެއްގައި ހިއްކައިގެން ތަރައްގީ ކޮށް، ޕޮންޓިއެކް ލޭންޑް ގްރޫޕުން "ފަރި އައިލެންޑްސް"ގެ ނަމުގައި ދެ ރިސޯޓެއް ހިންގަ އެވެ. މާލެ އަތޮޅުގެ އުތުރުގައި ވާ މި ދެ ރިސޯޓަކީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ބްރޭންޑް ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް އާއި ޕަޓީނާ މޯލްޑިވްސް އެވެ.
ޕޮންޓިއެކް ލޭންޑުން ނަގާފައިވާ 180 މިލިއަން ޑޮލަރުގެ ލޯނު އެ ކުންފުންޏަށް ހަމަޖައްސާފައި ވަނީ ސިންގަޕޫރުގެ ޑީބީއެސް ބޭންކާއި އެޗްއެސްބީސީގެ އިތުރުން ޔޫއޯބީ ބެންކުންނެވެ.
ސިންގަޕޫރުގެ 3 ބޭންކަކުން ޕޮންޓިއެކް ލޭންޑަށް ދީފައިވާ ގްރީން ލޯނަކީ ތިމާވެށީގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބޭ ގޮތަށް ބައްޓަންކޮށްފައިވާ މަޝްރޫއުތަކަށް އެކަނި ދޭ ހާއްސަ ލޯނެކެވެ. މިއީ ޕޮންޓިއެކް ލޭންޑަށް މިލޯން ލިބުނު ފުރަތަމަ ފަހަރެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ކުންފުންޏަކަށް މިފަދަ ލޯނެއް ލިބުން ފުރަތަމަ ފަހަރެވެ.
ސިންގަޕޫރުގެ ކުންފުންޏަށް ގްރީން ލޯން ލިބިފައި ވަނީ އެކުންފުނިން ހިންގާ ރިސޯޓްތަކަށް "އެކްސެލެންސް އިން ޑިޒައިން ފޯ ގްރޭޓާ އެފިޝެންސީޒް" ސެޓިފިކެޓް ލިބުމުންނެވެ.
މިސެޓްފިކެޓް ލިބެނީ ތިމާވެޓާއި ރައްޓެހި އަދި ގިނަ އަދަދެއްގެ އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ ރިސޯޓްތަކަށެވެ. އެކުންފުންޏަށް ލިބިފައިވާ ގްރީން ލޯންގެ ސަބަބުން ޕޮންޓިއެކް ލޭންޑް ގްރޫޕުން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ 180 މިލިއަން ޑޮލަރުގެ ބޭންކު ލޯނު މިހާރު ވަނީ ގްރީން ލޯނަށް ބަދަލުކޮށްފަ އެވެ.
ޕޮންޓިއެކް ލޭންޑް ގްރޫޕަށް ލިބުމުން އެގްރޫޕުގެ ސީއީއޯ ޑޭވިޑް ސާންގް ވަނީ ދުނިޔޭގެ އެންމެ މަޤބޫލު މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނެމުން، ދެމެހެއްޓެނިވި ތަރައްގީގެ ކަންކަން ކުރިއަރުވާ އިތުރަށް ފުޅާކުރަން އެގްރޫފުން މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.
"ރާއްޖެ އަކީ ދުނިޔޭގެ އެންމެ ކުރީގައިވާ އެއް ފަތުރުވެރިންގެ މަންޒިލް، އަދި އަހަރެމެންގެ އުންމީދަކީ އެ ސަރަހައްދުގައި ދެމެހެއްޓެނިވި ތަރައްގީގެ ކަންކަން ކުރިއަރުވާ އިތުރަށް ފުޅާކުރަން ހިތްވަރުދިނުން،" އޭނާ ވިދާޅުވި އެވެ.
ޕޮންޓިއެކް ލޭންޑް ގްރޫޕުން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގައި އުކާލާ ބާވަތުގެ ޕްލާސްޓިކް ބޭނުންކުރުން މަނާކޮށް، ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމާއި ތިމާވެށީގެ ދިރާސާތަކާއި މުރަކަ އިންދުމާއި ވެލާ ކަހަނބު ރިހެބިލިޓޭޓް ކުރުން ފަދަ ކަންތައްތައް ދަނީ ކުރަމުންނެވެ.
މީގެ އިތުރުން އިމްޕޯޓު ކުރާ ތަކެތި މަދުކުރުމަށްޓަކައި ރިސޯޓުގައި ކާބޯތަކެތި ހައްދާ؛ އެކަމަށް ބޭސް ބޭނުމެއް ނުކުރެ އެވެ. އަދި އުކާލެވޭ އޯގަނިކް ކުނިން ގަސްކާނާ އުފައްދަ އެވެ. އަދި އެ ރިސޯޓަށް އަންނަ ގެސްޓުންނަށް ތިމާވެށީގެ މުހިއްމުކަން ދަސްކޮށްދީ، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ދިރިއުޅުމުގެ ކަންކަން ބައްޓަންކުރަން ހިތްވަރުދެ އެވެ.