މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ބައި މިލިއަނަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ އާދީއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 500،597 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި މި ކާމިޔާބީ ހޯދުމުގައި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތް މިނިސްްޓަރު ފާހަގަކުރެއްވި އެެވެ.

ސަރުކާރުން މިއަހަރު ރާއްޖެއަށް 1.9 މިލިއަން ޓޫރިސްޓުން ގެނައުމަށް ވަނީ އަމާޒު ކަނޑައަޅާފަ އެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލަކު 6،501 ޓޫރިސްޓުން އާދެ އެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާއިންނެވެ. މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން ރާއްޖެއަށް 60،590 ޓޫރިސްޓުން އައިސްފައިވެ އެވެ.

ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެ ގައުމުން 52،734 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 45،545 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެ ތިން ގައުމުގެ އިތުރުން، ގަދަ 10 މާކެޓްގައި ހިމެނެނީ އިޓަލީ، ޖަރުމަން، ފްރާންސް، އެމެރިކާ، ޗައިނާ، ސުވިޒަލޭންޑު އަދި ޕޮލެންޑެވެ.