ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އުޅަނދު ރާއްޖެ އެތެރެވޭގޮތް ހެދުމަށް ގާނޫނަށް އިސްލާހު ހުށަހަޅަފައިވާ ކަމަށް ޓްރާންސް ޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި ނަހުލާ ވިދާޅުވީ މިސަރުކާރުގައި ގަރާޖު ސިޓީގެ ކަންކަން ރަނގަޅަށް ތަންފީޒްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ހަތަރު ފުރޮޅުލީ އުޅަނދު ރަސްޖިސްޓްރީކުރުމަށް ގަރާޖަކަށް ހުއްދަ ދޭފަހުން އެގަރާޖު ކެފޭއަކަށް ނުވަތަ ރެސްޓޯރަންޓަކަށް ބަދަލުކުރާކަން ފާހަގަކުރެވޭ ކަމަށައި އެއީ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީ ހިންގުމަށް ތިބި ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ނަހުލާ ވިދާޅުވި އެވެ.

އަދި ގަރާޖު ސިޓީގެ މައްސަލަ ބޮޑުވެފައި ވަނީ މާލެއާ އެކަށީގެން ނުވާ މިންވަރަށް ވެހިކަލުތައް އިތުރުވާތީ ކަމަށް ނަހުލާ ވިދާޅުވި އެވެ.

ވެހިކަލް ކޮންޓްރޯލް ކުރުމަށްޓަކައި ފަސް އަހަރު ވެފައި ހުރި ވެހިކަލް ރާއްޖެ އެތެރެ ނުކުރެވޭނެ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް 2020 ވަނަ އަހަރުގެ ޖޫން މަހު އިކޮނޮމިކް މިނިސްޓްރީގައި އެދިފައިވާނެކަމަށާ ނަމަވެސް އެކަން ނުވި ކަމަށް ނަހުލާ ވިދާޅުވި އެވެ.

"ކޮންޓްރޯލް ކުރެވޭނީ އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ބަދަލުތަކެއް ގެނެސްގެން. އިމްޕޯޓު އެކްސްޕޯޓު ގާނޫނުގަ މަނައެއް ނުއެއް ކުރޭ ކޮންމެ މީހަކުވެސް ވެހިކަލެއް ގެންނަންވީމަ ހަމަ އެތެރެކުރަންވީ، ސިޓީ ފޮނުވީމަވެސް އެކަމަށް އަޅުގަނޑުމެންނަށް ފިޔަވަޅެއް އެޅި ޤާނޫނަށް އިޞްލާހެއް ނުގެނެވުނު. ރާއްޖެއަށް ވެހިކަލް އެތެރެކުރުމަށް ކޮންޓްރޯލެއް ނެތިއްޔާ އެތެރެކުރަމުންދާނެ އައްޑޫ ވިޔަސް ގްރޭޓާ މާލެ ސަރަހައްދުވިޔަސް،" ނަހުލާ ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި ދުއްވާއެއްޗެހި ގިނަ މާލޭގެ މަގުތައް ތޮއްޖެހުމަށް އެއްވެސް ހައްލެއް ގެނައުމަށް އެއްވެސް ސަރުކާރަކުން އެދެވޭ މަސައްކަތްތަކެއް ކުރެވިފައެއް ނުވެ އެވެ.