ނިއު ޔޯކް (މާޗް 31) - އަންނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ޖިނާއީ ކުށުގެ ދައުވާ އުފުލައިފި އެވެ.
ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި ވެސް ޖިނާއީ ދައުވާއަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ކުރީގެ ރައީސް އެވެ.
ޓްރަމްޕުގެ މައްޗަށް ނިއު ޔޯކުގެ ޕްރޮސެކިއުޓަރުން ދައުވާ ކުރަނީ ބަރަހަނާ ފިލްމު ކުޅޭ މީހަކަށް ފައިސާ ދީގެން ޓްރަމްޕާ ބެހޭ ގޮތުން އޭނާ ދައްކަން އުޅުނު ވާހަކަތައް ހުއްޓުވި މައްސަލައިގަ އެވެ. މިކަން ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިންނެވެ. ބަރަހަނާ ފިލްމު ކުޅޭ ކުރީގެ ތަރިއެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސް ވަނީ ޓްރަމްޕް އޭނާއާ އެކު ބަދުއަޚުލާގީ އަމަލު ހިންގާފައިވާ ކަމަށް ބުނެ، އިންތިޚާބާ ދިމާކޮށް އެ ވާހަކަ ދައްކަން ފަށައިފަ އެވެ. ޑެނިއަލްސްގެ އަނގަ ބަންދު ކުރަން ޓްރަމްޕުގެ ފަރާތުން ވަނީ 130،000 ޑޮލަރު އޭނާ އަށް ދީފަ އެވެ. މި ގޮތަށް ފައިސާ ދިނުން ނިއު ޔޯކުގެ ގާނޫނުތަކުގައި މަނާކަމަކަށް ނުވި ނަމަވެސް އެ ފައިސާ ދިން ކަމަށް ޓްރަމިްޕުގެ އެއްވެސް ރެކޯޑަކުން ފެންނާކަަށް ނެތެވެ. އެ ފައިސާ ރެކޯޑްކޮށްފައި ވަނީ ވިޔަފާރި ޚަރަދެއްގެ ގޮތުގަ އެވެ. އެހެންވެ ޕްރޮސެކިއުޓަރުން ބުނެފައި ވަނީ އެއީ ޓްރަމްޕް ހިންގާފައިވާ އޮޅުވާލުމުގެ ބޮޑު ޖަރީމާއެއް ކަމަށެވެ. ސީއެންއެން ލަފާކުރާ ގޮތުގައި މި މައްސަލާގައި ޓްރަމްޕުގެ މައްޗަށް 30 ދައުވާ އުފުލުން އެކަށީގެންވާ ކަމަށެވެ.
މި މައްސަލާގައި ނިއު ޔޯކުގެ ކޯޓަށް އަންނަ އަންގާރަ ދުވަހު ޓްރަމްޕް ހާޒިރުކުރާނެ އެވެ. ޓްރަމްްޕް ވިދާޅުވެފައި ވަނީ މިއީ އޭނާ އިންތިޚާބުގައި ވާދަކުރައްވާތީ އުފުލާފައިވާ ސިޔާސީ ދައުވާއެއް ކަމަށެވެ. އަދި އޭނާ އެއްވެސް ކުށެއް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. ފްލޮރިޑާގައި ދިރިއުޅުއްވާ ޓްރަމްޕް ވިދާޅުވެފައި ވަނީ ނިއު ޔޯކުގެ ކޯޓެއްގައި އޭނާ އަށް އިންސާފު ލިބޭނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ.
ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީން ވެސް ބުނެފައި ވަނީ މިއީ ޓްރަމްޕުގެ އިސްތަށިފުޅުގައި އަޅުވާ ދޮގު ތުހުމަތެއް ކަމަށެވެ. އެކަމަކު ވާދަވެރި އަދި ވެރިކަމުގައި އޮތް ޑިމޮކްރެޓިކް ޕާޓީން ބުނެފައި ވަނީ ގާނޫނަށް ވުރެ މަތީގައި އެކަކަށް ވެސް ނުހުރެވޭނެ ކަމަށެވެ.
އެމެރިކާގެ ގިނަ މީހުން ގަބޫލްކުރާ ގޮތުގައި ޓްރަމްޕުގެ މައްޗަށް އުފުލި ދައުވާތަކުގެ ސަބަބުން އަންނަ އަހަރުގެ ރިޔާސީ ރޭހުން އޭނާ ބޭރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.