ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސް އިން ހިލްޓަންއަށް 24 މިލިއަން ޑޮލަރު (370.8 މިލިއަން ރުފިޔާ) ދެއްކުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމް ފަސްކުރުމުގެ އަމުރެއް މިއަދު ރާއްޖޭގެ ހައި ކޯޓުން ނެރެފި އެވެ
މި މައްސަލައަކީ ނ. އިރުފުށި ހިންގުން ހިލްޓަންއަށް ދިނުމަށް ސަން ކުންފުނިން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ބާތިލުކުރުމާ ގުޅިގެން ހިލްޓަންއިން ސިންގަޕޫރުގެ އާބިޓަރޭޝަނަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އާބިޓަރޭޝަނުން 24 މިލިއަން ޑޮލަރު ދިނުމަށް ސަންގެ މައްޗަށް އަމުރުކުރި މައްސަލަ އެވެ.
އެ މައްސަލާގައި ސިންގަޕޫރުގެ އާބިޓަރޭޝަނުން ނިންމި ނިންމުން ތަންފީޒުކޮށްދިނުން އެދި ސިވިލް ކޯޓަށް ހިލްޓަނުން ހުށަހެޅުމުން އެ މައްސަލާގައި ނިންމާފައިވަނީ އެ ނިންމުން ބަލައިނުގަނެވޭނެ ގާނޫނީ ސަބަބެއް ނެތްކަމަށެވެ.
އަދި އެ ފައިސާގެ ތެރެއިން ސަން ކުންފުނިން ނުދައްކައި ބާކީ ހުރި ފައިސާ 14 ދުވަހުގެ ތެރޭގައި ހިލްޓަނަށް ދައްކައި ހާލާސްކުރުމަށާއި، ފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ހުރިހާ ޖޫރިމަނާއެއްވެސް ދެއްކުމަށް ސަން ކުންފުންޏަށް ސިވިލް ކޯޓުން އަމުރުކުރި އެވެ.
މި މައްސަލާގައި ސިވިލް ކޯޓުން މިފަދަ އަމުރެއް ނެރުނީ ރާއްޖެއިން ބޭރުގެ އާބިޓަރޭޝަނަކުން ނިންމި ނިންމުމެއް ރާއްޖޭގައި ކޯޓަކަށް ބަލައިގަނެ ތަންފީޒުނުކުރެވޭނެ ކަމަށް ބުނެ ސަން ކުންފުނިން ހުށަހެޅި މައްސަލާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ ކުންފުންޏާ ދެކޮޅަށް އެފަދަ މައްސަލަތައް ރާއްޖޭގެ ކޯޓުތަކަށް ބަލައިގަނެ އެ ނިންމުންތައް ތަންފީޒުކުރެވޭނެކަމަށް އެންގުމުންނެވެ.
މިއަދު ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސައިން ޝަހީދާއި، ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިއްތިފާގުން ނެރުއްވި އަމުރުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ހުއްޓުވުމުގެ އަމުރެއް ނުނެރެއްޖެނަމަ ސަން ކުންފުނީގެ މަސްލަހަތަށް އުނިކަން އަންނާނެ ކަމަށް ބުރަވަވޭ ކަމަށެވެ.
އެހެންކަމުން އިސްތިއުނާފީ މައްސަލަ ނިމެންދެން ނުވަތަ އެހެން ގޮތެއް ކޯޓުން ކަނޑައަޅަންދެން ސިވިލް ކޯޓުގެ ނިންމުން ތަންފީޒުކުރުން ފަސްކުރުމަށް ތިން ފަނޑިޔާރުންގެ އިއްތިފާޤުން އަމުރު ނެރުއްވާފައިވެ އެވެ.
ލްޓަންއަށް 24 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ކުރި އަމުރު ތަންފީޒުކުރުން މަޑުޖައްސާލަން މިއަދު ހައި ކޯޓުން އަމުރު ނެރުނުއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމަށް ސިޔާމް ވަނީ ނިންމަވާފަ އެވެ.