އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ގިނަ ހުށަހެޅުންތަކެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަށް ހުށަހަޅުއްވައިފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް ނަޝީދުއާއެކު ޖުމްހޫރީ ޕާޓީ އިން ކޯލިޝަން ހެދުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިކަމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ކޮށްފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އޭގެ ފަހުން ތިން މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވެ އެވެ.

ރައީސް ނަޝީދުގެ ފަރާތުން ގާސިމްއަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅަފައިވީ ނަމަވެސް އެކަމުގެ ތަފްސީލެއް ނުލިބެ އެވެ. އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ފަހުން އެ އިންތިހާބު ކާމިޔާބުކުރާ ކެންޑިޑޭޓު ހުވާކުރުމާ ދެމެދު އޮންނަ މުއްދަތުގައި ވެރިކަމުގެ ނިޒާމާ ގުޅޭ ފެންނަ/ ނުފެންނަ ވޯޓެއް ނަގައި ނިޒާމު ބަދަލުކުރަން ފާސްވެއްޖެ ނަމަ 2024 ގެ މަޖިލިސް އިންތިހާބު އެ ބަދަލުތަކާއެކު ބޭއްވުމަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި އެކަން ކުރުމަށް ގާނޫނު އަސާސީއަށް ގެންނަން ފެންނަ ބަދަލުތައް ގެނައުމަށް އެ ހުށަހެޅުމުގައިވެ އެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. ބަރުލަމާނީ ނިޒާމުގައި ދައުލަތުގެ އެންމެ އިސްފަރަތަކީ ރައީސް އެވެ. އަދި ސަރުކާރު ހިންގަވާނީ ބޮޑުވަޒީރެވެ. ނަޝީދުގެ މިހުށަހެޅުންތަކާ ގުޅިގެން ޖޭޕީން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.

މިމަހުގެ 7 ވަނަ ދުވަހު ރައީސް ނަޝީދު ގާސިމް އިބްރާހީމް އާއި ވެސް ބައްދަލުކުރައްވާފައިވެ އެވެ. އަދި ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ގުޅިގެން މެނިފެސްޓޯ އެކުލަވާލުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ.