ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް)ގައި، މަރުގެ ތުންފަތް މަތީގައި އޮތް ދުވަސް ހަމަނުވާ ތުއްތު ކުއްޖަކު ކާމިޔާބުކަމާއެކު ވިއްސައި ފަރުވާދީފި އެވެ.

ހުޅުމާލޭގައި ހިންގާ އެ ހޮސްޕިޓަލުން ބުނީ އުފަންވިއިރު ބަރުދަނުގައި ހަމައެކަނި 885 ގްރާމް ހުރި މި ތުއްތު ކުއްޖާ ވިހެއީ އެންމެ 26 ހަފްތާގެ ގޭސްޓޭޝަންގައި ކަމަށެވެ. އަދި މި ތުއްތު ކުއްޖާއަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ހުރިހާ ފަރުވާއެއް ދެވި ދެ މަސް ދުވަހުގެ ތެރޭގައި ރަނގަޅު ސިއްހަތެއްގައި ގެއަށް ދޫކޮށްލެވިފައިވާ ކުއްޖެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ. އަދިި މި ކޭސްއަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ފަރުވާދެވުނު މިފަދަ ފުރަތަމަ ކޭސް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ދުވަސް ނުފުރާ ވިހާ ކުދިންނަށް ވަނީ ފަރުވާ ދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. ނަމަވެސް މި ކުއްޖާއަކީ ފުރާނައަށް ނުރައްކާތެރި ހާލަތެއްގައި، މަރުގެ ތުންފަތް މަތީގައި އުފަންވި ފުރަތަމަ ކުއްޖާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

"މި ހޮސްޕިޓަލުގެ ނިއޮނަޓޮލޮޖީ ޑޮކްޓަރުންނާއި އަދި ޕީޑިއާޓްރިކްސް ޑޮކްޓަރުންނާއި އަދި އެން.އައި.ސީ.ޔޫ ނަރުހުންގެ މިންނެތް މަސައްކަތުންނާއި، ކުއްޖާގެ ބެލެނިވެރިންގެ ފުރިހިމަ އަޅާލުމާއި ލޯބިން ފުރިހަމަ ނަތީޖާއެއް ނެރެވި އިތުރު ބޮޑު ނުރައްކަލަކާއި ނުލައި ދަރިފުޅަށް ފަރުވާދެވުނު،" ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

ކުޑަ ދަރިފުޅުގެ މައިންބަފައިން ޓްރީ ޓޮޕް ހޮސްޕިޓަލުން ދެވުނު ފަރުވާ އާއި މެދު ބުނެފައި ވަނީ އެ ހޮސްޕިޓަލުން ދިން ފަރުވާއާ މެދު އެ މީހުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކެއާ ޓީމް އިން ވަނީ ހުރިހާ ކަމެއް ވެސް ކުރަންޖެހޭނެ އެންމެ އެކަށޭނެ ގޮތައް ކޮށްދީފައި. އަޅުގަނޑުމެންނަށް ވަރަށް އޮމާން ދަތުރެއް މިއީ ޔަގީނުން ވެސް،" އެ މީހުން ބުންޏެވެ.

ފަރުވާ ދެއްވި ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ސީނިއާ ކޮންސަލްޓެންޓް ނިއުނަޓޮލޮޖިސްޓް ޑރ. އިންގްރިޑް ވިދާޅުވެފައި ވަނީ ބަރުދަނުގައި އެންމެ 1،000ގ ވެސް ހަމަނުވާ މި ތުއްތު ކުއްޖާ އުފަންވިތާ ދެމަސް ދުވަސް ތެރޭގައި ދޫކޮށްލާފައިވާ ކަމަށެވެ. އަދި މި ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވީ ބަލިވެއިންތާ އެންމެ 26 ހަފްތާ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ދަރިފުޅުގެ ފުރާނައަށް ވަރަށް ނުރައްކާވެ ދެންވެދާނެ ގޮތެއް ލަފާ ކޮށްލަންވެސް ވަރަށް އުނދަގޫ ސްޓޭޖެއް. އެހެންކަމުން މި ތުއްތު ކުއްޖާ މިހުރިހާ ގޮންޖެހުމަކާއި ކުރިމަތިލައި އެންއައިސީޔޫ ޓީމް އާއި އެއްކޮށް އެއްވެސް ބޮޑު ކޮމްޕްލިކޭޝަން އެއް އަދި ޖިސްމާނީ ގެއްލުމަކާއި ނުލައި ގެއަށް ދޫކޮށްލެވިފައި ވުމަކީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ މުޅި ކެއާ ޓީމްއަށް އަދި މުޅި ރާއްޖެއަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" އެ ޑޮކްޓަރު ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް)ގައި ދުވަސް ނުފުރާ ވިހެއި ތުއްތު ކުއްޖާއަށް ފަރުވާދިން ނަރުހުން އެ ކުއްޖާއެކު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ޓްރީ ޓޮޕް ހޮސްޕިޓަލް

ދުވަސް ނުފުރާ ވިހެއުމަކީ މާބަނޑު މީހާ ބަނޑަށް 37 ހަފްތާވުމުގެ ކުރިން ވިހެއުމުގެ ވޭން އަޅައި ވިހެއުމެވެ. މިފަދަ ގޮތަކަށް ކުދިން އުފަންވުމަކީ އެކުދިންގެ ސިއްހަތަށް ވަރަށް ބޮޑެތި ނުރައްކާތައް ކުރާނެކަމެކެވެ. އެގޮތުން ދުވަސް ނުފުރާ ވިހެއުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މާބަނޑުއިރު އިންފެކްޝަން އުފެދުމާއި، މާބަނޑުވުމުގެ ކުރިން ހަކުރު ބަލި، ލޭ މައްޗަށް ދިއުން، ކިޑްނީ ބަލިތައް އަދި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިންނަށް ބަލިވެއިނުން، އަދި ރަހިމުގެ އެކިއެކި މައްސަލަތައް ހުރުން ހިމެނެ އެވެ. މީގެ އިތުރުން ސިގިރެޓް ބުއިމާއި، މަސްތުވަތަކެތި ބޭނުންކުރުމާއި ހަށިގަނޑަށް ބޭނުންވާ ވަރަށް ނިއުޓްރިޝަން ނުލިބުމަކީ ވެސް ދުވަސް ހަމަނުވެ ވިހެއުމަށް މެދުވެރިވާ ކަންތަކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ނިއުނަޓޮލޮޖީ އަދި ޕީޑިއާޓްރިކްސް ޑިޕާޓްމަންޓްއަކީ އެންމެ ރަނގަޅު ފެންވަރުގައި ކުޑަކުދިންނަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ސިއްޙީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ކުރެވިފައިވާ ޑިޕާޓްމެންޓެެއް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އެގޮތުން މި ޑިޕާޓްމަންޓްއިން އެންއައިސީޔޫ އަށް ބޭނުންވާނެ ހުރިހާ އިކުއިޕްމެންޓްއެއް ފޯރުކޮށްދެވޭނެ ކަމަށް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ. އެގޮތުން ވެންޓިލޭޓަރުތަކާއި، އިންކިއުބޭޓާ، އިންފިއުޝަން ޕަމްޕް އަދިވެސް ތަފާތު އިކުއިޕްމެންޓްތަކުން ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ހިދުމަތްތަކާއި ފަރުވާ ފޯރުކޮށްދިނުމުގެ ފުރިހަމަ ގާބިލްކަން ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ތަޖުރިބާކާރު ފުރިހަމައަށް ޓްރެއިން ވެފައިވާ ނިއުނަޓޮލޮޖިސްޓުންނާއި ޕީޑިއާޓްރިޝަނުންނަކީ އަލަށް އުފަންވާކުދިންނާއި، ދުވަސް ހަމަނުވެ އުފަންވާ ކުދިންނާއި އެކި އުމުރުގެ ކުދިންނަށް ފޯރުކޮށްދޭންޖެހޭނެ މުހިންމު ހުރިހާ ޙިދުމަތެއް ފޯރުކޮށްދެވޭނެ ގާބިލިއްޔަތު ލިބިވަޑައިގެންފައިވާ ޑޮކްޓަރުން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.