ރޯދައަށް ހުންނަ ވަގުތު ހަށިގަނޑުން ހަކަތަ ދަށްވެ މާބޮޑަށް ވަރުބަލިކަން އިހުސާސް ވުމަކީ އަހަރުމެންގެ ތެރެއިން ބައެއް މީހުންނަށް ތަޖުރިބާ ކުރެވޭ ކަމެކެވެ. ގިނައިރު ވާވަރަކަށް މި އިހުސާސް ބޮޑުވާއިރު ވަރުބަލިކަން ދުރު ކޮށްލުމަށްޓަކައި ވެސް ކުރެވިދާނެ ވަރަށް ފަސޭހަ ކަންކަން އެބަ ހުއްޓެވެ.

ދުވަސް ރާވާލާ

ރޯދައަށް ހުންނަން ގަސްދު ކުރާނަމަ ކުރިއަށް އޮތް ދުވަހުގެ ތާވަލު ކުރިއާލާ ރާވާލާށެވެ. ދުވާލުގެ ވަގުތުތައް ހަށިގަނޑަށް މާ ބުރަ ނުވާނެހެން ހޭދަކުރަން ސަމާލުކަން ދޭންވާނެ އެވެ.

ލުއި ކަސްރަތެއް ކޮށްލާ

އެއްވެސް ހަރަކާތެއް ނުކޮށް ތިބުމަކީ ހަށިގަނޑު މާބޮޑަށް ލޮޑުވާން މެދުވެރިވާނެ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް ލުއި ކަސްރަތެއް ކޮށްލާ ހަށިގަނޑު ހަރަކާތްތެރިކަންމަތީ ބަހައްޓާށެވެ.

ބަނޑުހައިވުމާމެދު ނުވިސްނާ

ރޯދައަށް ތިބޭއިރު ކޮންމެވެސް ވަރަކަށް ބަނޑުހައިކަން އިހުސާސް ކުރެވޭނެ އެވެ. ނަމަވެސް އެކަމުން ސިކުނޑި ދުރު ކުރުވުމަށްޓަކައި ކޮންމެވެސް އެހެން ކަމެއްގައި މަސްއޫލު ވާށެވެ.

ކުޑަ ވަގުތުކޮޅަކަށް ނިދާލުން ރަނގަޅުވާނެ

މެންދުރު ފަސްވުމުން ހަށިގަނޑުގެ ހަކަތަ ދެމެހެއްޓުމަށްޓަކައި 20 ވަރަކަށް މިނެޓުގެ "ޕަވާ ނެޕް"އެއް ނެގިދާނެ އެވެ. މިގޮތަށް ނިދާއިރު މާ ގިނަ ވަގުތު ނުނިދުމަށް ސަމާލުކަން ދޭންވާނެ އެވެ.

ފިނި ފެނުން ފެން ވަރާލާ

ފިނިކުުރި ފެނަކީ ހަށިގަނޑު ތާޒާ ކޮށްލާ ދިރުން ގެނުވައިދޭ އެއްޗެކެވެ. އެހެން ކަމުން ރޯދައަށް ހުންނައިރު މާ ބޮޑަށް ވަރުބަލިވާނަމަ ފިިނި ފެނުން ފެންވަރާލުން ރަނގަޅުވާނެ އެވެ.