ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޭންކު ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ސްކޫލުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ދަރިވަރުންނަށް ހާއްސަކޮށްގެން ސެންސަރީ އަދި ވޮކޭޝަނަލް ކުލާސްރޫމެއް އިމާރާތްކޮށް ހުޅުވައިފި އެވެ.
މިއީ މިދިޔަ އަހަރު ބޭންކު ފަންޑުގެ ދަށުން އެހީ ލިބުނު ވޭމަންޑޫ ޒުވާނުންގެ ގުޅުމުން ހިންގި މަޝްރޫއެކެވެ.
މި ކްލާސް ތައްޔާރުކޮށްފައި ވަނީ ދަރިވަރުންގެ ގާބިލުކަން އިތުރުކުރުމާއި، އެހެން މިހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެ ކުދިންގެ ތައުލީމީ ބޭނުންތަކަށް ބަލައިގެންނެވެ. އަދި ވޭމަންޑޫ ސްކޫލްގެ އަމާޒަކީ މި ކްލާހުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ކެއްކުމާއި ފެހުން ފަދަ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކްލާސްރޫމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށެވެ.
ވޭމަންޑޫ ޒުވާނުންގެ ގުޅުމުގެ ރައީސް އަހްމަދު ޝައުގަތު ވިދާޅުވީ މި މަޝްރޫއުގެ މަގްސަދަކީ އުގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކުރެވޭ ކުލާހަކުން ތަފާތު ހަރަކާތްތައް ހިންގޭނެ ގޮތެއް ފަހިކޮށްދިނުން ކަމަށެވެ.
"މި ކްލާސް އިމާރާތްކުރުމުގައި ސްކޫލް އިން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރަން. އަދި މި ފުރުސަތުގައި ބޭންކް އޮފް މޯލްޑިވްސްއަށް ހިތުގެ ފުންމިނުން އަޅުގަނޑާއި ވޭމަންޑޫގެ ރައްޔިތުންގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. އަދި މިޖަމިއްޔާގެ މެންބަރުންނަށާއި އެކި ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެދެއްވި އެންމެހާ ފަރާތްތަކަށާއި މިޕްރޮޖެކްޓް މަސައްކަތްތައް މިހާފުރިހަމަޔަށް އަދި މިހާ އަވަހަށް ނިންމަވާދެއްވީތީވެ ކޮންޓްރެކްޓަރ އަށް ވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން." ޝައުގަތު ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް ބީއެމްއެލް އިންވަނީ ދެ ސްކޫލެއްގެ ސެން ކްލާސްތައް ތަރައްގީކޮށްފައިވެ އެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ ޞަލާޙުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމްތައް ތަރައްގީ ކޮށްފައި ވެއެވެ. މި ދެ މަޝްރޫއިން 200 އަށްވުރެ ގިނަ ދަރިވަރުންގެ އުނގެނުމުގެ މާހައުލު ތަރައްގީކޮށް، ވަސީލަތްތައް ފަހިކޮށްދީފައިވެ އެވެ.
މި ވޭތުވެ ދިޔަ 5 އަހަރު ތެރޭގައި ބޭންކުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފަ އެވެ.