ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަންގެ ވޯޓުލުން ފަށައިފި އެވެ.

އެ ދާއިރާގެ ތިން ރަށް ކަމަށްވާ ގުރައިދޫ އާއި މާފުށި އަދި ގުޅީގައި ވޯޓުލުން ފަށާފައި ވަނީ ހެނދުނު 8:00ގަ އެވެ. މާލޭގައި ވޯޓުލުން ފަށާފައި ވަނީ ހެނދުނު 8:30 ގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އާއި ހަމައަށް ކުރިއަށްގެން ދިއުމަށެވެ. އަދި ހަވީރު 4:00 ޖަހާއިރު ވޯޓު ފޮށި ކައިރީގައި ވޯޓުލުމަށް މީހަކު ނެތްނަމަ ފޮށި ބަންދުކޮށް 30 މިނެޓުފަހުން ވޯޓު ގުނަން ފެށުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޢިއްޒުއްދީން ސްކޫލުގައި ވޯޓުލުން ފެށުމުގެ ކުރިން ފޮށި ދައްކާލަނީ. ފޮޓޯ: އިލެކްޝަންސް

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްލަ 6 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފަ އެވެ. އެއީ ގުރައިދޫގައި 2 ފޮށި، މާފުށީގައި 2 ފޮށި، ގުޅީގައި 1 ފޮށި އަދި ގުރައިދޫ ދާއިރާގެ މީހުން ވޯޓުލުމަށް މާލޭ އިއްޒުއްދީން ސްކޫލްގައި 1 ފޮއްޓެވެ.

މި ބައި-އިލެކްޝަންގައި ޖުމްލަ 3،423 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

މި އިންތިހާބުގައި ވާދަކުރަނީ ތިން ކެންޑިޑޭޓުންނެވެ. ޕީޕީއެމްއިން ވާދަކުރަނީ އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އެވެ. އެމްޑީޕީން ޓިކެޓް ދީފައި ވަނީ އިބްރާހީމް ޝާޒު އަށެވެ. އެމްއެންޕީގެ ކެންޑިޑޭޓަކީ އަލީ އާރިފް އެވެ. މި ތިން ކެންޑިޑޭޓުންނަކީ ވެސް ގުރައިދޫއަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކާގޮތުން މެންދުރު 1:00 އާ ހަމައަށް 1،300 އަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ އެ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ.