ދުބާއީއަކީ ދުނިޔޭގެ ދިރިއުޅުން އެންމެ ހިތްހަމަޖެހޭ ކަމަށް ބުނާ ތަންތަނުގެ ތެރެއިން އެއް ތަނެވެ. ދުބާއީގެ އުމްރާނީ ތަރައްގީއާއި އިންސާނީ ވަސީލަތްތަކަކީ އެހެން ގައުމުތަކަށް ނިސްބަތްވާ ގިނަ ބަޔަކު ވެސް އެތަނަށް ހިޖުރަކޮށް އާބާދުވާ ސަބަބުތަކެވެ. މި ގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު ދުބާއީގައި އެމީހުންގެ ދިރިއުޅުން ހޭދަ ކުރަމުންދެ އެވެ.
އެގޮތުން ދުބާއީގައި އޭނާގެ ދިރިއުޅުމުގެ ބޮޑު ބައެއް ހިއްސާކުރި އިނގިރޭސި ވިލާތަށް ނިސްބަތްވާ އަންހެނަކު މިވަނީ ދުބާއީއަށް އޭނާގެ ހިތުގައި ދެވިފައިވާ މަގާމު ފޮޓޯއެއްގެ ސިފައިގައި ދައްކާލާފަ އެވެ.
ހަނާ ވެލްސް އޭނާގެ ސޯޝަލް މީޑިއާގައި އާއްމުކުރި އެ ފޮޓޯގެ އެއް ފަރާތުން ފެންނަނީ މީގެ 30 އަހަރު ކުރިން ދުބާއީއަށް އޭނާގެ ދިރިއުޅުން ބަދަލު ކުރިތާ ކައިރީގައި އެ ސިޓީގެ ބުރުޖް އަލް އަރަބް ބީޗުގައި ނަގާފައިވާ ފޮޓޯ އެކެވެ. އެ ފޮޓޯގައި ކުޑަކުޑަ ހަނާ އެއް ކަކޫ މައްޗަށް އިށީނދެގެން އިންއިރު ފަހަތުގައި މިހާރު އެ ސަރަހައްދުން ފެންނަ ބުރުޖް އަލް އަރަބް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާ މަނަޒަރު ފެނެ އެވެ.
އެ ފޮޓޯގެ އަނެއް ފަރާތުން ފެންނަނީ އޭގެ 30 އަހަރު ފަހުން މިއަހަރުގެ ފެބްރުއަރީ މަހު ހަމަ އެ ތަނުގައި ހަނާ ނަގާފައިވާ ފޮޓޯ އެކެވެ. މީގެ 30 އަހަރު ކުރިން ނަގާފައިވާ ފޮޓޯގައި އޭނާ އިށީނދެގެން އިން ގޮތަށް އިށީނދެގެން އިންއިރު ފަހަތުން ފެންނަނީ ބުރުޖް އަލް އަރަބުގެ ނިމިފައިވާ އިމާރާތެވެ.
މިއީ ހަނާ ދުބާއީގައި ހޭދަކުރި 30 އަހަރުގެ ދިރިއުޅުން ދައްކުވައިދޭ ފޮޓޯއެއް ކަމަށް އޭނާ ބުނެފައިވެ އެވެ. ދެ ފޮޓޯއަށް ބަލާއިރު ހަނާއާއި ފަހަތުން ފެންނަން ހުރި އިމާރާތުގެ އިތުރުން ތަފާތުކޮށް ފެންނަނީ ދެ ދައުރެއްގައި ނަގާފައިވާ އެ ދެ ފޮޓޯގެ ކޮލިޓީ އެވެ.
ފޮޓޯ އާއްމު ކުރަމުން ހަނާ ބުނީ ދުބާއީއަކީ މިހާރު އޭނާގެ ދެވަނަ އާއިލާ ކަމަށާއި އެ ސިޓީއަށާއި އެތަނުގެ މީހުންނަށް އޭނާގެ ހިތުގައި ހާއްސަ ގަދަރެއް ދެވިފައިވާ ކަމަށެވެ.
ދުބާއީއަކީ ދުނިޔޭގެ ސިޓީތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ އެއް ސިޓީއަށްވާއިރު އެ ސިޓީއަށް ހިޖުރަކުރާ މީހުންގެ އިތުރުން ޗުއްޓީ ހޭދަކުރަން ވެސް ގިނަ ބަޔަކު ޒިއާރަތް ކުރެ އެވެ.